އަންނަ މަހުގެ ތެރޭގައި ޝޫޓިން ފަށަން ޕްލޭންކޮށްފައި ވަނިކޮށް ރަންވީރު ސިންގް "ޑޮން 3" ދޫކޮށްލާފައިވާތީ، އެ ފިލްމުގެ ޓައިޓްލް ރޯލަޑް ރިތިކް ރޯޝަން ގެންނަން އުޅޭކަމުގެ އަޑުތަކެއް އަރައިފި އެވެ.
ބައެއް މީޑިއާތަކުން ބުނީ މިކަމާ ގުޅޭ ގޮތުން ޑައިރެކްޓަރު ފަރުހާން އަޚްތަރު މިހާރު ރިތިކާ މަޝްވަރާތަކެއް ކުރަމުން އަންނަ ކަމަށެވެ. ޝާހްރުކް ޚާނާ އެކު 2006 ގެ "ޑޮން" ގެނެސްދިނުމަށް ފަހު 2011 ގައި ގެނެސްދިން އޭގެ ސީކްއެލް "ޑޮން 2" ގައި ރިތިކްގެ ވަރަށް ކުރު ހާއްސަ ފެނިލުމެއް ފިލްމުގައި ހިމަނާފައިވެ އެވެ.
"ޑޮން 3" އަށް ރިތިކް ގެންނަން އުޅޭކަމުގެ ވާހަކަތަކެއް ދެކެވެމުން އަންނަ އިރު، ފަރުހާން ޑައިރެކްޓްކުރި ފިލްމެއްގެ ލީޑް އޭނަ ކުރިން ވެސް ކުޅުނެވެ. އެއީ 2004 ގެ ހަނގުރާމަ ފިލްމު "ލަކްޝް" އެވެ. ވަރަށް ކުރިން ފެށިގެން ގާތް އެކުވެެރި ކަމެއް އޮންނަ ފަރުހާނާއި ރިތިކް އެކީގައި ފިލްމެއް ވެސް ކުޅެފައިވެ އެވެ. އެއީ ފަރުހާންގެ ދައްތަ ޒޯޔާ އަޚްތަރުގެ 2013 ގެ "ޒިންދަގީ ނާ މިލޭގީ ދުބާރާ" އެވެ.

ދެހާސް ތޭވީހުގެ ތެރޭގައި އިއުލާންކުރި "ޑޮން 3" އިން ރަންވީރު ވަކިވި ވާހަކަ ދެކެވުނު ނަމަވެސް އެކަން ފަރުހާން މިހާތަނަށް ރަސްމީކޮށް ކަށަވަރުކޮށް ދީފައެއް ނުވެ އެވެ. ރިޕޯޓްތައް ބުނާ ގޮތުން މި ފިލްމުގެ ބަތަލާއަކަށް ނެގި ކިއާރާ އަދުވާނީ ވެސް މިދިޔަ އަހަރު ފިލްމު ދޫކޮށްލުމާ ގުޅިގެން ބަތަލާގެ ރޯލު މިހާރު އޮތީ ނެޝަނަލް އެވޯޑް ހާސިލުކޮށްފައިވާ ކްރިތީ ސެނަން އަށް ދީފަ އެވެ.
އެކަމަކު އެކަން ވެސް އަދި ކަށަވަރެއް ނުވެ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން "ޑޮން 3" ގެ ވިލަން އަކީ ނެޝަނަލް އެވޯޑް ހޯދާފައިވާ އެކްޓަރު ވިކްރާންތު މަސީ އެވެ. އޭނަ ވެސް މި ފިލްމުން ލިބުނު ފުރުސަތު ކުރިން ދޫކޮށްލިކަމުގެ އަޑުތަކެއް އެރި އެވެ.