Last Updated: July 9, 13:58
Thursday, July 9, 2026
ޚަބަރު

އައްޑޫ ރައްޔިތުން ތިބީ ރައީސާއެކު، އިތުރު ކުރިއެރުން ފެންނާނެ

މެމްބަރު ސިނާން ރައީސް މުއިއްޒާއި ސަލާމް ކުރައްވަނީ - ފޮޓޯ: މަޖިލިސް

އައްޑޫ ސިޓީގެ ރައްޔިތުން ތިބީ ރައީސް ޑރ. މުހައްމަދު މުއިއްޒާއެކު ކަމަށާއި ކުރިއަށް އޮތް ތަނުގައި އައްޑޫއަށް އިތުރު ކުރިއެރުންތައް ފެނިގެންދާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ސިނާން ވިދާޅުވެއްޖެ އެވެ.

ސިނާން މިހެން ވިދާޅުވީ އައްޑޫ ޝަންގްރިއްލާ ވިލިގިލި ރިސޯޓް އެންޑް ސްޕާ މިއަދު ހުޅުވުމާ ގުޅިގެންނެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ސިނާން ވިދާޅުވީ އައްޑޫގައި އެމްޑީޕީގެ މެޖޯރިޓީ ކައުންސިލެއް އަދި ވެރިކަމުގައި އެމްޑީޕީ އޮވެ ކާމިޔާބު ނުކުރެވުނު ކިތަންމެ ކަމެއް ރައީސް މުއިއްޒުގެ ދުރުވިސްނުންފުޅާއި ސިޔާސަތުތަކުން ކާމިޔާބުކުރަމުންދާ ކަމަށެވެ. އަދި ޕީއެންސީގެ ކައުލްސިލާއެކު އައްޑޫއަށް ކުރިއަށް އޮތް ތަނުގައި ރައީސް މުއިއްޒުގެ ޒައާމަތުގައި އެތައް ކުރިއެރުމެއް ފެނިގެންދާނެ ކަމަށްވެސް ސިނާން ވިދާޅުވި އެވެ.

"އައްޑޫ ރައްޔިތުން ބޭނުންވެފައިވާ ތަރައްގީއާއި ކުރިއެރުވުމަށް ރައްޔިތުން ތިބީ ރައީސް މުއިއްޒު އާއި އެކު ގަދަކޮށް،" ސިނާން ވިދާޅުވި އެވެ.

ކޮވިޑާ ހެދި 2020 ގެ ތެރޭގައި ބަންދުކުރި ގޮތަށް މިހާތަނަށް އޮޕަރޭޝަނަށް ނުގެނެވި އޮތް ޝަންގްރިއްލާ ރިސޯޓް އަލުން ހުޅުވުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ 2023 ގެ ރިޔާސީ ކެމްޕެއިންގައި އައްޑޫ ރައްޔިތުންނަށް ވެވަޑައިގެންނެވި ވައުދެކެވެ.

މިދިޔަ މި މަހުގެ ކުރީކޮޅު ރައީސް މުއިއްޒު އައްޑު އަށް ކުރެއްވި ދަތުރުގައި ވަނީ ޝަންގްރިއްލާ ރިސޯޓުގެ ތައްޔާރީތައް ބައްލަވާފައިވެ އެވެ.

ގަން އެއާޕޯޓުން ލޯންޗްގައި ފަސްވަރަކަށް މިނިޓުން ދެވޭހާ ކައިރީގައި އޮންނަ ޝަންގްރިއްލާ ވިލިގިލި ރިސޯޓަކީ 284 އެނދުގެ ރިސޯޓެކެވެ. ދެހާސް އަށެއްގައި ހުޅުވި ރިސޯޓްގައި 60 ވޯޓާ ވިލާ، 26 ބީޗް ވިލާ، 28 ޕޫލް ވިލާ، 16 ޓްރީ ހައުސް ވިލާގެ އިތުރުން ދެ ޕްރެޒިޑެންޝަން ވިލާ ވެސް ހުރެ އެވެ.