ރާއްޖެ އަށް ވަގަށް އެތެރެކުރި ގިނަ އަދަދެއްގެ ސިނގިރެޓްތަކެއް އަނެއްކާ ވެސް އަތުލައިގެންފި އެވެ.
އެނގިފައިވާ ގޮތުގައި އެ ސިނގިރޭޓުތައް އަތުލައިގަތީ މާލޭގެ ގެއެއް ކުއްޔަށް ނަގައިގެން ގުދަނެއްގެ ގޮތުގައި ބޭނުން ކުރަމުން އައި ތަނަކުންނެވެ. އެތަނުން 158 ކޭސް މަލްބަރޯ ސިނގިރޭޓް ފެނިފައިވާ އިރު، އެއިން ކޮންމެ ކޭހެއްގައި 45 ކާޓަން ހުރި ކަމަށް ބެލެވެ އެވެ. އަތުލައިގަތް ސިނގިރެޓްގެ ޑިއުޓީއަށް އެކަނި 12 މިލިއަން ރުފިޔާ އެވެ.
އެ ސިނގިރެޓް ހުރި ތަނަށް ފުލުހުން ކޯޓުން އަމުރެއްގެ ދަށުން ވަދެ، ސިނގިރެޓް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ނަމަވެސް މި މައްސަލައިގައި އެއްވެސް މީހަކު ހައްޔަރުކުރި ކަމެއް ކަށަވަރެއް ނުވެ އެވެ.
ދިވެހިން ދުންފަތާ ދުރު ކުރަން އެޅި ފިޔަވަޅުތަކުގެ ދަށުން ސިނގިރެޓްގެ ޑިއުޓީ ބޮޑުކުރި ފަހުން ވަގަށް ރާއްޖެ އަށް ސިނގރެޓް އެތެރެކުރާ މައްސަލަ މި ފަހުން ވަރަށް ބޮޑަށް އިތުރުވެފައިވެ އެވެ،
މިފަދަ މައްސަލައެެއްގައި ދާދި ފަހުން ވަނީ 11 މީހަކަށް ދައުވާ ވެސް ކޮށްފަ އެވެ. އޭގެ ތެރޭގައި މަޝްހޫރު ދެ ވިޔަފާވެރިޔަކު ވެސް ހިމެނެ އެވެ.