ކުރީގެ ފިލްމު ޑައިރެކްޓަރު އަބްދުލް ފައްތާހް ރޭ ކުއްލި ގޮތަކަށް ނިޔާވުމަކީ ވަރަށް ގިނަ ބަޔަކަށް ލިބުނު ޝޮކެކެވެ. އޭނައާ އެކީ ފިލްމީ މަސައްކަތްތައް ކުރި އެތައް ބައެއްގެ އިތުރުން ސިޔާސީ ދާއިރާގެ ބައެެއް މީހުންނާއި ފައްތާހްގެ ވަރަށް ގިނަ ފޭނުުންތަކަކަށް ވެސް މިއީ ލިބުނު ވަރަށް ބޮޑު ފުން ހިތާމައެކެވެ.
ހާއްސަކޮށް ފައްތާހާ އެކު ފިލްމީ މަސައްކަތްކުރި ބަޔަކު ތިބީ ވަރަށް ވެސް ބޮޑު ޝޮކެއްގަ އެވެ. އެ ދާއިރާގެ އެތައް ބަޔަކު މިހާރު އަންނަނީ ސޯޝަލް މީޑިއާގައި ފައްތާހްގެ ހަނދާންތައް އާކޮށް، އެ މީހުންގެ ތަޖުރިބާތައް ވެސް ހިއްސާކުރަމުންނެވެ.
ފައްތާހަކީ ރާއްޖޭގެ އެންމެ ކާމިޔާބު ކާމިޔާބު އެެއް ޑައިރެކްޓަރެވެ. އޭނަ ފިލްމީ މަސައްކަތް ހުއްޓައިލީ 2017 ގައި ގެނެސްދިން "ހައްދު" އަށް ފަހު އެވެ. އެ އަހަރު ފިލްމީ ދާއިރާ ދޫކޮށްކައި ފައްތާހް، އުފަން ރަށް ހއ. ކެލަ އަށް ދިރިއުޅުން ބަދަލު ކުރަން ނިންމިކަން އިއުލާންކުރުމާ އެކު ވެސް އޭރު ފިލްމީ ދާއިރާގެ ވަރަށް ގިނަ ބަޔަކު އެކަމާ ހިތާމަކުރި އެވެ. ހާއްސަކޮށް އޭނައާ އެކު ފިލްމީ މަސައްކަތްތައް ކުރި ފިލްމީ ތަރިންނެވެ.
އަބަދު ވެސް ފައްތާހް ފާހަގަކުރެވިފައި އޮތީ ވަރަށް "ސަޅި" ޑައިރެކްޓަރެއްގެ ގޮތުގަ އެވެ. އޭނައާ އެކު މަސައްކަތް ކުރި ވަރަށް ފަންނާނުން ފައްތާހް ސިފަކުރަނީ ފިލްމު ކުޅޭ މީހުން "ތަރިންހެން" ގެންގުޅޭ ޑައިރެކްޓަރެއްގެ ގޮތުގަ އެވެ. ޝޫޓިންއެއްގައި ނަމަ "ވަރަށް ފެންވަރު" ގައި ފަންނާނުން ގެންގުޅޭ ޑައިރެކްޓަރެއް/ޕްރޮޑިއުސަރެއްގެ ގޮތުގައި ގިނަ ފަންނާނުން ފައްތާހް ސިފަކުރެ އެވެ.
ފައްތާހް، 54، ގެ ފިލްމީ ދަތުރުގެ ފެށުމަކީ އޭނަ ސިފައިންގެ ތެރޭގައި އުޅުނު އިރު، ސިފައިންގެ އޮފީސް ޑްރާމާތަައް ހަދަން ލިބުނު ފުރުސަތުތަކެވެ. އޭގެ ފަހުން އޭނަ ދިވެހި ސިނަމާ އަށް ޑައިރެކްޓަރެއްގެ ގޮތުގައި ގެނެސްދިން ފުރަތަމަ ފީޗާ ފިލްމަކީ 2000 ވަނަ އަހަރުގެ "ހިމޭން ދުނިޔެ" އެވެ. އޭގެ ފަހުން ވަރަށް ކާމިޔާބު ފިލްްމުތަކެއް ފައްތާހް ޑައިރެކްޓްކުރި އެވެ. އޭގެ ތެރޭގައި "ވެހޭ ވާރޭ ތެރެއިން"، "އޭނާ"، "ޖިންނި" އަދި "14 ވިލޭރޭ" ހިމެނެ އެވެ.
ވަރަށް ގިނަ އަދަދެއްގެ ވީޑިއޯ ލަވަތަކެއް ވެސް ހަދާފައިވާ ފައްތާހަކީ ދިވެހުންގެ ތެރޭގައި ވަރަށް މަގުބޫލުވި ހަތަރު ޑްރާމާ ސިލްސިލާއެއްގެ ވެސް ޑައިރެކްޓަރެވެ. އެއީ "އައިޝާ" އާއި "ދޯޕައްޓާ" އާއި "ތިއޭ މި ހިތުގެ ވިންދަކީ" އަދި "ހިނިތުން ވެލާށޭ ކަލާ" އެވެ.
ފިލްމީ ދާއިރާ އިން އެތައް އެވޯޑެއް ވެސް ހޯދާފައިވާ ފައްތާހަކީ ހަމައެކަނި ޑައިރެކްޓަރެއް/ޕްރޮޑިއުސަރެއް ނޫނެވެ. އޭނަ އަކީ ސްކްރިން ރައިޓަރެއް، އެޑިޓަރެއް އަދި ކޮރިއޯގްރާފަރެއް ވެސް އެވެ. ފައްތާހް ވާހަކަތަކެއް ލިޔެ، ޗާޕްކޮށް ނެރެފައިވެ އެވެ. އޭގެ ތެރެއިން އެއް ވާހަކަ އަކީ "ރަށްމެދު" އެވެ.
ފިލްމީ މަސައްކަތަށް އޮތް ލޯބި ކުރިން ބޮޑުކަމުން އޭނަ ފިލްމީ މަސައްކަތް ދުވަހަކު ވެސް ދޫކޮށްލާނެކަމަށް ގިނަ ބަޔަކު އުންމީދު ވެސް ނުކޮށް ތިއްބައި "ހައްދު" އަށް ފަހު، ނިންމި ބޮޑު ނިންމުމާ އެކު، ފައްތާހް ދިޔައީ "މިޗޫބްސް ލަ ޑިރެކްޓާސް ކެފޭ" ގެ ނަމުގައި ކެލާގައި އަމިއްލަ ވިޔަފާރިއެއް ހިންގަމުންނެވެ.
އޭނަ ކުއްލި ގޮތަަކަށް ވަކިވެ ދިޔަ އިރު، އަންނަ އަހަރު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގައި ކެލާ ރައީސް ކަމަށް ވާދަކުރަން އޮތީ ނިންމައިފަ އެވެ. އެ މަގާމަށް ވާދަކުރަން، ވެރިކަން ކުރާ ޕީއެންސީގެ ޓިކެޓް ފައްތާހަށް ލިބުނީ އެ ޕާޓީން މި މަހުގެ 27 ގައި ބޭއްވި ޕްރައިމަރީގަ އެވެ.