Last Updated: June 5, 11:07
Friday, June 5, 2026
ޚަބަރު

ސަރުކާރު މުވައްޒަފުން ހެދުން އެޅުމުގެ ގަވާއިދު އިސްލާހުކޮށްފި

ސަރުކާރުގެ އޮފީސްތަކުގައި މަސައްކަތްކުރާ ސިވިލް ސާވިސް މުވައްޒަފުން ހެދުން އެޅުމާ ގުޅޭ ގަވާއިދު އިސްލާހުކޮށްފި އެވެ.

މިފަދަ އިސްލާހެއް ގެންނަން ނިންމީ ސިވިލް ސާވިސް މުވައްޒަފުން ހެދުން އެޅުމުގެ މިންގަނޑުތައް ފަހަކަށް އައިސް އިޖުތިމާޢީ މިންގަނޑަށްވުރެ ދަށްވެފައިވާކަމުގެ ޝަކުވާތަކާ ގުޅިގެންނެވެ.

އެ ޝަކުވާތަކާ ގުޅިގެން މުވައްޒަފުން ހެދުން އެޅުމުގެ ގަވާއިދު އިސްލާހު ކުރުމަށް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އަށް ހުށަހަޅާފައިވާ ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ދާދި ފަހުން ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ ރައްޔިތުންނާ އެކު ބައްދަލުވުގައި ވިދާޅުވި އެވެ.

ސީއެސްސީން 2014 ގައި އަމަލު ކުރަން ފެށި، މުވައްޒަފުންގެ ހެދުން ބަހައްޓަންވީ ގޮތުގެ ގަވާއިދުގައިވާ ގޮތުން މުވައްޒަފުންގެ އިސްތަށިގަނޑާއި ބޮލާއި ތުނބުޅި ބަލަހައްޓައި ދިވެހި މުޖުތަމައު ގަބޫލުކުރާ އަޚުލާގީ ހަމަތައް ހިފެހެއްޓޭ ގޮތުގައި ތިބުމާއި ލައިގެން ހުންނަ ހެދުމަކީ، އެ ހެދުން އަޅާ މުވައްޒަފު ދޭންޖެހޭ ހިދުމަތުގެ ބާވަތުން، އެ ހިދުމަތެއް ދިނުމަށް ދަތިވާ ހެދުމަކަށް ވެގެން ނުވާނެ ކަމަށް ބަޔާންކޮށްފައިވެ އެވެ.

ސީއެސްސީން މިއަދު އާންމުކުރި އިސްލާހުގައި ވަނީ ފިރިހެން މުވައްޒަފުން ރަސްމީ މަސައްކަތުގައި ތިބެން ވާނީ ގަމީހާއި ފަޓުލޫނު، ޓައި އަދި އޮފީސް ބޫޓުގައި ކަމަށެވެ. އަދި ގަމީހުގެ ގޮތުގައި އަތްދިގު ނުވަތަ އަތްކުރު ގަމީހާއި ބުސް ގަމީސް ބޭނުންކުރެވި ދާނެ ކަމަށާއި ބެގީ ބަހައްޓަން ވީގޮތާއި ގަހަނާގެ ގޮތުގައި އަނގޮޓިއެއް ފިޔަވައި އިތުރު އެއްޗެއް ނޭޅޭނެ ކަމަށް ބުނެފައިވެ އެވެ.

އަދި އަންހެން މުވައްޒަފުން ރަސްމީ މަސައްކަތުގައި އުޅޭއިރު ބޭނުން ކުރަން ވާނީ ދިގު ހެދުމެއް ނުވަތަ ދިވެހި ލިބާހެއް ނުވަތަ އޮފީސް ހެދުމެއް ކަމަށް ބުނެފައިވެ އެވެ. އަދި ހެދުން އެޅުމުގައި ޚާއްސަ ސަމާލުކަން ދޭންވީ ކަންކަން ފާހަގަކޮށް، އިސްތަށިގަނޑުގައި ކަޅުކުލަ ނޫން ފާޅުކަން ބޮޑު ކުލައެއް ޖެއްސުމާއި ޝޭޑްކޮށް، ހައިލައިޓް ކުރުން މަނާކޮށްފައިވެ އެވެ.

ސިވިލް ސާވިސްގައި މަސައްކަތް ކުރާ މުވައްޒަފުންގެ ތެރެއިން ސަޕޯޓް ާރވިސް ގިންތީގައި ހިމެނޭ މުވައްޒަފުން ހެދުން އަޅަންޖެހޭ ގޮތްވެސް އިސްލާހުގައި ބަޔާންކޮށްފައިވެ އެވެ.