Last Updated: June 6, 14:55
Saturday, June 6, 2026
ޚަބަރު

އާސަންދަ މެދުވިރުކޮށް އަމިއްލަ ތަންތަނުން އައިނު

އަމިއްލަ ތަންތަނުގައި މަސައްކަތްކުރާ ލޮލުގެ ޑޮކްޓަރުން ޕްރިސްކްރައިބްކުރާ އައިނު އާސަންދަ މެދުވެރިކޮށް ހެދޭނެ އިންތިޒާމު އަންނަ މަހު ހަމަޖައްސައި ދޭން ނިންމައިފި އެވެ.

މިކަމާ ގުޅޭ ގޮތުން އެންސްޕާ އިން ނެރުނު ބަޔާނެއްގައި ބުނީ ޕްރިސްކްރިޕްޝަން ގްލާސަސް ނުވަތަ ނަންބަރު އައިނު ހެއްދުމުގެ ހިދުމަތް ރައްޔިތުންނަށް ލުއި ފަސޭހަކޮށް ދިނުމުގެ ގޮތުން އެ ހިދުމަތް އިތުރަށް ފުޅާ ކުރުމުގެ ގޮތުން އަމިއްލަ ކްލިނިކްތަކާއި އައިނު ފިހާރަތަކުގައު ރަޖިސްޓްރީވެފައިވާ އޮޕްޓޮމެޓްރިސްޓުން ޕްރިސްކްރައިބްކުރާ އައިނުތަކަށް އާސަންދައިގެ ދަށުން ކަވަރޭޖް ލިބޭ ގޮތށް ހަދަން ނިންމައިވާ ގޮތަށެވެ.

އެގޮތުން އަންނަ މަހުގެ 15 އިން ފެށިގެން އެފަދަ ތަންތަނުން އާސަންދަ މެދުވެރިކޮށް އައިނު ހިދުމަތް ހެއްދޭނެ ކަމަށް އެންސްޕާ އިން ބުންޏެވެ.

އެތަނުން ބުނީ މިކަން ތަންފީޒު ކުރުމަށްޓަކައި ކަމާ ގުޅުން ހުރި އިދާރާތަކާ ގުޅިގެން އުސޫލުތައް އެކުލަވާލައި އާންމު ކުރާނެ ކަމަށެވެ.

އާސަންދަ މެދުވެރިކޮށް، އަމިއްލަ ތަންތަނުން ނަންބަރު އައިނު ހެއްދުމުގެ ފުރުސަތު ފަހިކޮށް ދޭން ނިންމިކަން އިއުލާންކޮށްފައި މި ވަނީ ދާދި ފަހުން ކުދި އަދި މެދު ފަންތީގެ ވިޔަފާވެރިންނާ އެކު ރައީސް ޑރ. މުހައްމަދު ބޭއްވި ބައްދަލުވުމުގައި އެ ހިދުމަތް އަމިއްލަ ތަންތަނުން ނުލިބޭތީ އެފަދަ ބައެެއް ވިޔަފާރިވެރިން ކަންބޮޑުވުން ފާޅުކޮށްފައި ވަނިކޮށެވެ.

އައިނުގެ ހިދުމަތް ފަސޭހަ ކުރުމުގެ ގޮތުން ސަރުކާރުން ދާދި ފަހުން ވަނީ އައިނުގެ ވިޔަފާރި އަށް ވެސް ވަދެފަ އެވެ. އެގޮތުން މާލެ ގްރޫޕް އޮފް ހޮސްޕިޓަލް އިން ވަނީ މާލޭގެ އައިޖީއެމްއެޗާއި ހުޅުމާލޭ ހޮސްޕިޓަލްގައި ވެސް އައިނު ފިހާރަ ހުޅުވައިފަ އެވެ. އަދި އެފަދަ އައުޓްލެޓްތަކެއް އައްޑު އާއި ކުޅުދުއްފުށީގައި ވެސް ހުޅުވަން ހަމަޖެހިފައިވެ އެވެ.