Last Updated: June 27, 18:22
Saturday, June 27, 2026
ޚަބަރު

އަލީ ހަމީދު ބޭރު ކުރުމަށް ދަނީ މަސައްކަތް ކުރަމުން: މަހްލޫފް

ރާއްޖޭގެ ޖުޑިޝަރީ ނިޒާމް އިސްލާހު ކުރުމަށް މަސައްކަތް ކުރަމުންދާކަން ބޭރު ދުނިޔެއަށް ދެއްކުމަށް ސްޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު ބޭރު ކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހްލޫފް ވިދާޅުވެއްޖެއެވެ.

ސަންގު ޓީވީގެ " ހަބަރަށް ފަހު" ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން މަހްލޫފް ވިދާޅުވީ އަލީ ހަމީދު ފަނޑިޔާރުގެއިން ބޭރު ކުރުމަށް ރައީސް ޔާމީން މަސައްކަތްފުޅު ކުރައްވަމުންދާކަމުގެ މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށެވެ.

މަހްލޫފް ވިދާޅުވީ ރައީސް އަޑީގައި ހުންނަވައިގެން އަލީ ހަމީދު ބޭރުކުރަނީ ޖުޑިޝަރީ އިސްލާހްވީކަން ދެއްކުމަށް ކަމަށެވެ. ނަމަވެސް އަލީ ހަމީދު އެކަނި ބޭރު ކޮށްގެން ޖުޑިޝަރީ އިސްލާހު ނުކުރެވޭނެ ކަމަށް މަހްލޫފް ވިދާޅުވިއެވެ.

މަހްލޫފް ވިދާޅުވީ މިނިވަން އިންސާފުވެރި ފަނޑިޔާރުގެއެއް ގާއިމް ކުރުމަށް އެންމެ ފުރަތަމަ ދުވަހުން ފެށިގެންވެސް އެމްޑީޕީން ގޮވަމުން ދިޔަ ކަމަށެވެ. އަދި އެކަމަށް ހުރަސް އަޅަން ކުރެވުނު މަސައްކަތަށް މިހާރު މައާފަށް އެދޭ ކަމަށެވެ.

ސްޕްރީމް ކޯޓްގެ ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށް ތުހުމަތުކުރެވޭ ބަރަހަނާ ވީޑިއޯގެ މައްސަލަ ސާބިތުނުވާކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަނުން ނިންމާފައެވެ. ނަަމަވެސް ގިނަ ބަޔަކު ވަނީ ޖުޑިޝަރީ އިސްލާހް ކުރުމަށް އަލީ ހަމީދު ފަނޑިޔާރު ގެއިން ބޭރު ކުރަންޖެހޭ ކަމަށް ބުނެ އަޑު އުފުލާފައެވެ.