Last Updated: June 6, 14:01
Saturday, June 6, 2026
ދުނިޔެ

ބޭންކެއް ފަޅާލައިގެން 35 މިލިއަން ޑޮލަރު ނަގައިފި

ޖަރުމަންގެ ބޭންކެއް ފަޅާލައިގެން 30 މިލިއަން ޔޫރޯ (35.2 މިލިއަން ޑޮލަރު) ވަގަށް ނަގައިފި އެވެ.

އެތަން ފަޅާލައިގެން މައި ތިޖުރީ ހުރި ތޮރުފާލައިގެން ވަދެ ހޯމަ ވިލޭރޭ ވައްކަންކޮށްފައި ވަނީ ހުޅަނގު ޖަރުމަންގެ ގެލްސެންކާޝެން ސިޓީގެ 'ސްޕާކީސް' ބޭންކުންނެވެ. އެގޮތުން މައި ތިޖުރީ ހަލާލުކޮށް،، ފައިސާގެ އިތުރުން ރައްކާކޮށްފައި ހުރި ރަންރިއްސާއި ގިނަ އަދަދެއްގެ ގަހަނާތައް ވެސް ވަގަށް ނަގާފައިވެ އެވެ.

އެގޮތުން އެ ތަކެތި ރައްކާކުރަން އަޅާފައި ހުރި 3،000 އަށް ވުރެ ގިނަ ކުދި ތިޖޫރީތައް ހަލާކުކޮށްލާފައިވެ އެވެ.

މި ވައްކަމާ ގުޅިގެން އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ އިރު، ފުލުހުން ބުނީ މިއީ ވަރަށް ދުރާލައި ރާވައިގެން ކޮށްފައިވާ ވައްކަމެއް ކަމަށެވެ. އަދި މި ބޮޑު ވައްކަން ފުލުހުން ސިފަކޮށްފައި ވަނީ ހޮލީވުޑްގެ 2001 ގެ ފިލްމު "އޯޝަންސް އިލެވެން" ގައި ދައްކުވައި ދީފައިވާ ކަހަލަ ރޭވުންތެރި ވައްކަމެއްގެ ގޮތުގަ އެވެ.

ފުލުހުން ބުނި ގޮތުގައި ބޭންކް ފަޅާލިކަން އެނގުނީ ހޯމަ ދުވަހުގެ ހެނދުނު އެތަނުގެ ފަޔަ އެލާމް އަޅާތީ ގޮސް ބެލި އިރު އެވެ.