Last Updated: June 6, 14:55
Saturday, June 6, 2026
ޚަބަރު

ނ. އަތޮޅު ޓައުންޝިޕް މަޝްރޫއުގައި ސޮއިކޮށްފި

"އައިލާ ސަސްޓެއިނެބަލް ޓައުންޝިޕް" ގެ ނަމުގައި ނ. އަތޮޅުގައި ޓައުންޝިޕެއް ތަރައްގީކުރަން 790 މިލިއަން ޑޮލަރު 12 ބިލިއަން ރުފިޔާ) ގެ އިންވެސްޓުމަންޓުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފި އެވެ.

އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދެވެ. އަދި މަޝްރޫއު ހިންގާ ކްރިސްޓަލް ހޯލްޑިންސް ޕްރައިވެޓް ލިމިޑެޓްގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ ޕެރަޓް ކްރިސްޓިކް އެވެ.

ކްރިސްޓަލް ހޯލްޑިންސްއިން ތަރައްގީކުރާ، ފުރަތަމަ ދެމެހެއްޓެނިވި ޓައުންޝިޕް ތަރައްގީކޮށް ނިންމާލަން އަމާޒު ހިފާފައި ވަނީ ވޭނެ 2028 ގަ އެވެ.

ސަޢީދު ވިދާޅުވީ، މި ޓައުންޝިޕް މަޝްރޫޢަކީ ރާއްޖޭގެ އިޤްތިޞާދު އައު ހަރުފަތަކަށް ގެންދިއުމުގައި ވަރަށް މުހިންމު ދައުރެއް އަދާކުރާނެ މަޝްރޫޢެއް ކަމަށާއި މީގެ ސަބަބުން މިފަދަ އިތުރު އިންވެސްޓްމަންޓްތައް ހޯދުމަށް ސަރުކާރަށް ހިތްވަރު ލިބި، އެކަމަށް މަގުފަހިވެގެންދާނެ ކަމަށެވެ.

"މިފަދަ އިންވެސްޓްމަންޓްތަކުގެ ސަބަބުން، ވަޒީފާގެ ފުރުސަތުތައް އިތުރުވުމާއި، ތިމާވެށީގެ ރައްކާތެރިކަމާއި، ފަސްދޮޅަސް އިންސައްތަ އިއާދަކުރަނިވި ހަކަތަ ބޭނުންކުރުން ފަދަ ކަންކަމުގެ ތެރެއިން ރާއްޖޭގެ އިޤްތިޞާދީ ދާއިރާއަށް، ހާއްސަކޮށް ފަތުރުވެރިކަމުގެ ސިނާޢަތަށް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެ،" އޭނަ ވިދާޅުވި އެވެ. "މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒު ގެންގުޅުއްވާ ދެމެހެއްޓެނިވި ތަރައްޤީގެ ސިޔާސަތަށް ލިބޭ ބޮޑު އެހީތެރި ކަމެއް."

ކްރިސްޓަލް ހޯލްޑިންސްގެ ސީއީއޯ ވިދާޅުވީ ރާއްޖެއަކީ އިންވެސްޓަރުންނަށް ފަހި މާހައުލެއް ގާއިމުކޮށްދީފައިވާ ގައުމެއް ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.

"ދިވެހިރާއްޖޭގައި އިންވެސްޓްކުރާ ބޭރުގެ އިންވެސްޓަރެއްގެ ހައިސިއްޔަތުން، ދިވެހި ސަރުކާރުން ގެންގުޅުއްވާ ހަގީގީ ވިޔަފާރީގެ އުސޫލުތަކާމެދު އަޅުގަނޑުމެން އިންތިހާއަށް އުފާކުރަން،" އޭނަ ވިދާޅުވި އެވެ. "އަދި ބޭރުގެ އިންވެސްޓަރުންނަށް އޮތް އާ މަންޒިލެއްގެ ގޮތުގައި ދިވެހިރާއްޖެއަށް ކުރާ އިތުބާރާއި ޔަގީންކަން ވަރަށް ބޮޑު."