ރާއްޖޭގެ ދެކުނަށް މިހާރު ކުރަމުން އަންނަ ވިއްސާރައިގައި އައްޑޫގެ ހަތަރު އަވަށެއްގެ ތިން ގެއެއްގެ ފުރާޅު އެއްލާލުމާ ގުޅިގެން އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑްގެ ސިފައިން އެހީތެރިކަން ފޯރުކޮށް ދީފި އެވެ.
ވިއްސާރައާ އެކު އެރި ކޮޅިގަނޑުގައި މިހާތަނަށް ހަތަރު ގެއެއްގެ ފުރާޅު ވަޔާ އެއްލާލާފައިވާތީ، އެ ގެތަކަށް ސިފައިން ގޮސް، އެހީތެރިކަން ފޯރުކޮށް ދީފައިވެ އެވެ. އެގޮތުން ރޭ 11:20 ހާއިރު ހިތަދޫ އާލިއާ މަންޒިލް، އަދި މިއަދު ހެނދުނު 07:20 ހާއިރު ހިތަދޫ ބިންމާގެ އާއި 07:40 ހާއިރު މަރަދޫ އެމަރަލްޑް ގޭގެ އަދި 08:00 ހާއިރު މީދޫ މޫންޝެޑޯ ގޭގެ ފުރާޅު އެއްލާލައިގެން ސިފައިން އެހީތެރިކަން ފޯރުކޮށް ދީފައިވެ އެވެ.
ގެތަކެއްގެ ފުރާޅު އެއްލާލި ނަމަވެސް އެއްވެސް މީހަކަށް އަނިޔާއެއްވެފައެއް ނުވެ އެވެ.
އައްޑޫގެ އިތުރުން ފުވައްމުލަކަށް ވެސް ވިއްސާރައިގައި ގެއްލުންތަކެއްވަމުންދާ ކަމަށް ފުވައްމުލައް ސިޓީ ކައުންސިލުން ބުންޏެވެ. ކައުންސިލުން ބުނީ ވިއްސާރައިގައި، ގަދަވަޔާއެކު ބޯކޮށް ވާރޭވެހި ސިޓީގެ އެކި ސަރަހައްދުތަކާއި ގޭގެ އަށް އެކިވަރުގެ ގެއްލުންތައް ދަނީ ލިބެމުންދާ ކަމަށެވެ. އަދި ވައިގަދަވުމުގެ ސަބަބުން ވެއްޓިފައިވާ ގަސްތައް ނަގައި، މަގުތައް ސާފުކުރުމުގެ މަސައްކަތުގައި ކައުންސިލާ އެކު ސިޓީސް މިނިސްޓްރީ އަދި އެމްޓީސީސީގެ މުވައްޒަފުން ހަރަކާތްތެރިވަމުން އަންނަ ކަމަށް ބުންޏެވެ.
ދެކުނުގެ އަތޮޅުތަކަށް މޫސުން ގޯސްވެފައިވާ އިރު ތ. އަތޮޅުން ފެށިގެން އައްޑުއާ ހަމައަށް ހަވީރު 4:00 އާ ހަމައަށް އޮތީ ވައިޓް އެލާޓް ނެރެފަ އެވެ. އެގޮތުން ބޯކޮށް ވާރޭ ވެހި ގަޑިއަކު 45 މޭލަށް ވައި ގަދަވާނެ ކަމަށް މޫސުމާ ބެހޭ އިދާރާ އިން ލަފާކޮށްފައިވެ އެވެ،