އިންޑިއާގެ ބޮކްސް އޮފީހުގައި އާ ރެކޯޑްތަކެއް ހެދި ތެލެގޫ ފިލްމު "ޕުޝްޕާ" ގެ ޑައިރެކްޓަރު ސުކްމާރުގެ އާ ފިލްމުގެ ޝޫޓިން އަންނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި ފަށާނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ޕިންކްވިލާ އިން ބުނީ ރާމް ޗަރަން ބަތަލުގެ ރޯލު ކުޅެން ހަމަޖެހިފައިވާ ފިލްމުގެ ސްކްރީންޕްލޭގެ މަސައްކަތް ސުކްމާރު މިހާރު ކުރަމުން އަންނަ ކަމަށެވެ. އަދި އާ ފިލްމު ވާނީ އޭނަގެ ކުރީގެ ފިލްމުތަކަށް ވުރެ ހުރިހާ ގޮތަކުން ވެސް ވަރުގަދަ މޮޅު ފިލްމަކަށް ކަމަށް އެ ނޫހުން ބުންޏެވެ.
ނަމަވެސް ބޮޑު ބަޖެޓަކުން ވަރަށް ގްރޭންޑްކޮށް ހަދަން ނިންމާފައިވާ ފިލްމާ ބެހޭ އެއްވެސް ތަފުސީލެއް މިހާތަނަށް ސުކްމާރު ދީފައެއް ނުވެ އެވެ. އޭނަގެ އާ ފިލްމު ވާނީ ޗަރަންއާ އެކު މަސައްކަތްކުރާ ދެވަނަ ފިލްމަށެވެ. މި ދެ މީހުން އެކީގައި އަލަށް މަސައްކަތްކުރި ފިލްމަކީ 2018 ގެ އެކްޝަން ތުރިލާ "ރަންގަސްތަލަމް" އެވެ. ޖުމްލަ 60 ކްރޯޑް ރުޕީސް (6.7 މިލިއަން ޑޮލަރު) ގެ ބަޖެޓަކުން ހެދި އެ ފިލްމަށް އާމްދަނީގެ ގޮތުގައި 216 ކްރޯޑް ރުޕީސް (24 މިލިއަން ޑޮލަރު) ލިބުނެވެ.
ބެލުންތެރިންގެ ބޮޑު މަގުބޫލު ކަމެއް ހޯދި "ޕުޝްޕާ" އަކީ އައްލޫ އަރުޖުންއާ އެކު ސުކްމަރަން ގެނެސްދޭން ފެށި އެއްޗެކެވެ. މީގެ ފުރަތަމަ ބައި 2021 ގައި ގެނެސް ދިނުމަށް ފަހު ދެވަނަ ބައި ރިލީޒްކުރީ މިދިޔަ އަހަރު އެވެ. "ޕުޝްޕާ 3" އަކީ ވެސް ޕްލޭންކޮށްފައި އޮތް ފިލްމެކެވެ.
ޗަރަންއާ އެކު އާ ފިލްމެއްގެ މަސައްކަތް ފަށަން ތައްޔާރީތައް ވަމުން އަންނަ އިރު، ބޮލީވުޑްގެ ތަރި، ޝާހްރުކް ޚާނާ އެކު ސުކްމާރު ފިލްމެއް ހަދަން މަޝްވަރާކޮށްފައިވާ ކަމަށް ވެސް މި އަހަރުގެ ކުރީކޮޅު މީޑިއާތަކުން ރިޕޯޓްކޮށްފައިވެ އެވެ.
ޗަރަންގެ ކުރިއަށް އޮތް ފިލްމަކީ އަންނަ އަހަރުގެ މާޗް 27 އަށް ތާވަލުކޮށްފައި އޮތް ސްޕޯޓްސް އެކްޝަން ޑްރާމާ "ޕެއްޑީ" އެވެ.