މާލޭގައި ހިންގާ 96 މަސާޖު ޕާލާ ބަންދުކޮށްފައިވާ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ، ހުއްދަ ނަގާފައިވާ ވިޔަފާރީގެ ބަދަލުގައި ފާހިޝް އަމަލުތައް އެ ވިޔަފާރީގެ ނަން ބޭނުންކޮށްގެން ހިންގަމުންދާ މަސާޖު ޕާލާތައް ބަންދުކުރުމަށް މި މަހުގެ 9 ގައި ފެށި އޮޕަރޭޝަންގެ ދަށުން މިއަދާ ހަމައަށް 96 މަސާޖު ޕާލާ ބަންދުކޮށްފައިވާ ކަމަށެވެ.
ރައީސް ވިދާޅުވީ، އެފަދަ ތަންތަން ހިނގަމުންދަނީ އެފަދަ ތަންތަނުގެ ބޭނުން ހިފާ ފަރާތްތައް ތިބުމުންކަމީ ހިތާމަޔާ އެކީ ގަބޫލުކުރަންޖެހޭ ހަގީގަތެއް ކަމަށެވެ.
"މުޖުތަމައުން ފާހިޝް ކަންތައްތަކާއި މުންކަރާތްތައް މަދުކުރެވޭނީ، މުޖުމަތައުގެ ހާލަތު ބަދަލު ކުރެވޭނީ، އާއްމު ރައްޔިތުންނާއި އެންމެހާ ފަރާތްތަކެއްގެ ނިޔަތާއި އަމަލު އެފަދަ ކަންކަމުގައި އެއްގޮތްވެގެން، އެންމެންގެ ހިޔާލު އެފަދަ ކަންކަމުގައި އެއްގޮތްވެގެން" ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ، ފާހިޝް ކަންކަމާއި އެންމެހާ މުންކަރާތްތަކަށް ނޫނެކޭ ބުނާ ބަޔަކަށް ވާން ޖެހޭ ކަމަށެވެ.