ނަފްސާނީ ބަލީގެ ހުރިހާ ފަރުވާއަކަށް މާދަމާ އިން އާސަންދަ ލިބޭ ގޮތް ހަމަޖައްސައިފި އެވެ.
މިކަން ހާމަކޮށްފައި ވަނީ މާދަމާ އިން ފެށިގެން ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން ފެށުމަށް ހަމަޖެހިފައިވާ ޕްރޮގްރާމްތައް އިއުލާން ކުރުމަށް މިހާރު ކުރިއަށްދާ ރަސްމިއްޔާތުގަ އެވެ.
އެ ހިދުމަތްތައް އިފްތިތާހުކޮށްދެއްވީ އެ ރަސްމިއްޔާތުގައި ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމް އާއި ސޯޝަލް ފެމިލީ މިނިސްޓަރު ޑރ. އައިޝަތު ޝިހާމް އެވެ.
އެގޮތުން އެ ރަސްމިއްޔާތުގައި ވަނީ ނަފްސާނީ ބަލީގެ ހުރިހާ ފަރުވާއެއް އާސަންދަ ލިބޭ ގޮތް ހަމަޖައްސާފައިވާކަން އިއުލާން ކޮށްފަ އެވެ.
އެންސްޕާއިން ވަނީ ނަފްސާނީ ބައްޔަށް ހިނގާ ހުރިހާ ޚަރަދެއް އާސަންދަ ސްކީމް މެދުވެރިކޮށް ކަވަރުކޮށްދޭ ސިއްހީ ހިދުމަތްދޭ 7 ތަނެއްވެސް އިއުލާނުކޮށްފައެވެ.
އެ 7 ތަނަކީ:
1. ސެނަ ހިޔާ
2. އީވް ކްލިނިކް
3. ސައިމާ ކެއަރ
4. އެލީޓް މެޑިކަލް
5. ކުލުނު މެޑިކަލް ކްލިނިކް
6. މެޑްނޯވާ މެޑިކަލް ސެންޓަރު
7. ވީ -ކެއަރ ކައުންސެލިން އެންޑް ސައިކޯ ތެރަޕީ ސެންޓަރު