Last Updated: July 9, 15:05
Thursday, July 9, 2026
ޚަބަރު

ދިވެހި ފަސްގަނޑުން އެންމެ އިންޗިއެއް ވެސް ދޫކުރުން ބަލައިނުގަނެވޭނެ

އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް - ފޮޓޯ: އެމްޑީޕީ

ދިވެހި ފަސްގަނޑުން އެންމެ އިންޗިއެއް ވެސް ދޫކުރުން އެމްޑީޕީން ބަލައިނުގަންނާނެ ކަމަށް އެ ޕާޓީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.

ފައްޔާޒު މިހެން ވިދާޅުވީ ބިދޭސީންނަށް ރާއްޖޭގެ ބިން މިލްކުކުރެވޭ ގޮތަށް ގާނޫނުއަސާސީ ބަދަލުކުރަން ކެބިނެޓުގައި މަޝްވަރާތަކެއް ކޮށްފައިވާ ކަމަށް ބުނެ އޮންލައިން ނޫހެއްގައި ރިޕޯޓުކޮށްފައިވާ ހަބަރަކާއި ގުޅިގެންނެވެ.

އެކަމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފައްޔާޒު ވިދާޅުވީ މިއީ ކެބިނެޓު ލެވެލްގައި އަދި އެނޫންވެސް ގޮތެއްގައި މަޝްވަރާ ވެސް ކުރެވިގެން ވާނެ ކަމެއް ނޫން ކަމަށެވެ. ގައުމިއްޔަތުގެ ނަމުގައި ޕީއެންސީ/ޕީޕީއެމް އިން އަބަދުވެސް ގައުމު ފޮތިފޮތިކޮށް އަމިއްލަ ޖީބަށް ފައިސާ ޖަމާކުރުމަށް ގާނޫނުއަސާސީ އާއި ގާނޫނުތައް ބަދަލުކުރާ ކަމަށާއި 2015 ވަނަ އަހަރު ވެސް މިހާރު ސަރުކާރުގެ ވެރިން ވެސް މަޖިލީހުގައި ތިބިއިރު، އެ މީހުން ވޯޓު އަޅައިގެން ދިވެހި ފަސްގަނޑު ވިއްކާލަން ފާސްކުރި ކަމަށް ފައްޔާޒު ވިދާޅުވި އެވެ.

"ދިވެހި ފަސްގަނޑުން އެންމެ އިންޗިއެއް ވެސް ދޫކުރުމަކީ އެމްޑީޕީއިން ދުވަހަކު ވެސް ބަލައިގަންނާނެ އަދި ކުރާނެ ކަމެއް ނޫން،" ފައްޔާޒު ވިދާޅުވި އެވެ.

ފައްޔާޒު ވަނީ ގައުމުގެ ހައްގުގައި ކެރިގެން ނުކުންނާނެ އެއްވެސް މީހަކު، ވަޒީރަކު އަދި ސިޔާސީ މުވައްޒަފަކު ޕީއެންސީގައި ނެތީތޯ ވެސް ސުވާލުކުރައްވާފަ އެވެ. މިއީ ފާޅުގައި ބަސް ބުނަންވީ ވަގުތު ކަމަށާއި ރައީސް ޑރ. މުހައްމަދު މުއިއްޒު ދީނާއި ގައުމިއްޔަތު ބޭނުންކުރަމުން ދަނީ ސިޔާސީ ހަތިޔާރެއްގެ ގޮތުގައި ކަމަށްވެސް ފައްޔާޒު ވިދާޅުވި އެވެ.