Last Updated: July 9, 15:05
Thursday, July 9, 2026
ޚަބަރު

ޔާމީންގެ މަރު: ހައިކޯޓުން ދޫކޮށްލި ދެ މީހުން އަލުން ބަންދަށް

ބްލޮގާ ޔާމީން ރަޝީދު މަރާލި ކަމުގެ ކުށް ސާބިތުވި ދެ މީހުންނަށް އިއްވާފައިވާ ހުކުމް ހައިކޯޓުން މިއަދު ބާތިލުކުރުމުން މިނިވަންވެފައިވަނިކޮށް އަލުން އެ ދެ މީހުން ބަންދުކޮށްފި އެވެ.

މި މައްސަލާގައި ދައުލަތުން ދައުވާ އުފުލީ ހ. އަންނާރުމާގޭ އިސްމާއިލް ހައިޝަމް ރަޝީދާއި، މ. ކޮޅުފުށީ އީސްޓް ހުސައިން ޒިޔާދާއި، މ. ތާއިފް އިސްމާއިލް ރަޝީދާއި، މ. ކުދެހިގެ ހަސަން ޝިފާޒާއި، ގދ. ގައްދޫ ސިންދުބާދުގޭ މުހައްމަދު ދިފްރާނުގެ އިތުރުން މ. އިރާސްމިކުގެ އަހުމަދު ޒިހާން އިސްމާއިލްގެ މައްޗަށެވެ. އެ މީހުންގެ މައްޗަށް ކުރީ ތޫނު އެއްޗެއް ބޭނުން ކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާއެވެ.

އޭގެ ތެރެއިން 2022 ގައި ކުށް ސާބިތުވީ ހައިޝަމާއި ޒިހާންގެ މައްޗަށެވެ. އެ ދެ މީހުން އުމުރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކުރި ނަމަވެސް ދެން ތިބި މީހުން ވަނީ ސަލާމަތްވެފަ އެވެ.

މި މައްސަލައިގައި ކުށް ސާބިތުވި ހައިޝަމާއި ޒިހާންގެ ފަރާތުން ހައިކޯޓުގައި މައްސަލަ އިސްތިއުނާފް ކުރުމުން، އެ މައްސަލާގައި މިއަދު ކޯޓުން ވަނީ އެ މީހުންގެ ހުކުމް ބާތިލުކޮށް، އެ ދެ މީހުންނާއި އެ މައްސަލާގައި ކުށް ސާބިތު ނުވި މީހުންގެ މައްސަލަ އަލުން ބެލުމަށް އަމުރުކޮށްފަ އެވެ.

ޕީޖީ އޮފީޙުން ބުނީ ހައިކޯޓުގެ މި ނިންމުމާ ގުޅިގެން، ހައިޝަމް އާއި ޒިހާންގެ ބަންދާމެދު ގޮތެއް ކަނޑައަޅައިދިނުމަށް ކްރިމިނަލް ކޯޓަށް ހުށަހެޅުމުން އެ މައްސަލައިގެ ޝަރީޢަތް ނިމެންދެން އެ ދެ މީހުންވެސް ބަންދުކުރަން އަމުރުކޮށްފައިވާ ކަމަށެވެ.

ޔާމީން ރަޝީދު މަރާލީ 2017 އޭޕްރިލް 23 ވަނަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައެވެ. އޭނާ މަރާލީ އޭނާ ދިރިއުޅޭ ގޭގެ ސިޑި ގޮޅި ތެރޭގައެވެ. މި މައްސަލަ، މަރުތައް ތަހުގީގުކުރުމަށް ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ ރިޔާސީ ކޮމިޝަނުންވެސް އަންނަނީ ތަހުގީގުކުރަމުންނެވެ.