Last Updated: July 9, 15:05
Thursday, July 9, 2026
ޚަބަރު

ދެ ލޮލުގެ ފެނުން ގެއްލިފައިވާ ޝައިހަށް ވަޒީފާއެއް

ގިނަ ދުވަސްތަކެއް ވަންދެން ދެ ލޮލުގެ ފެނުން ގެއްލިފައިވާ ޝައިހް މުހައްމަދު އިބްރާހީމް (ނައިފަރީ) އަށް އިސްލާމިކް މިނިސްޓްރީން ވަޒީފާއެއް ހަމަޖައްސައިދީފި އެވެ.

ޝައިހް އިބްރާހިމް އައްޔަންކޮށްފައިވަނީ އިސްލާމިކް މިނިސްޓްރީގެ 'ދައުވާ އެންޑް ގައިޑެންސް ސެކްޝަން'ގެ ވާއިޡު މުޝްރިކްގެ މަގާމަށެވެ.

މި މަޤާމަކީ ރޭންކް 7 ގެ މަޤާމެކެވެ. މަގާމުގެ މުސާރައަކީ 14،225 ރުފިޔާ އެވެ.

އައްޝައިޚް މުޙައްމަދު އިބްރާހިމް އިއްޔެއާ ހަމައަށް ހުންނެވީ މަދްރަސަތުލް އިފްތިތާޙްގެ އިސްލާމް ޓީޗަރެއްގެ މަޤާމުގަ އެވެ. ނަމަވެސް، ލޮލުގެ ފެނުން ގެއްލުމާ ގުޅިގެން ޝައިޚް ނޯޕޭ ލީވްގައި ހުންނަވާތާ 4 އަހަރު ވެއްޖެ އެވެ.

ދެ ލޮލުގެ ފެނުން ގެއްލި ސިއްޙީ އެކިއެކި ކަންކަމަށް ފަރުވާކުރައްވަމުން ގެންދަވާ ޝައިހް އިބްރާހިމް ވަނީ 2023 ވަނަ އަހަރު ސިކުނޑީގެ ޓިޔުމަރު ނަގަން އޮޕަރޭޝަނެއް ވެސް ކޮށްފަ އެވެ. އެ އޮޕަރޭޝަނުގައި ޓިއުމަރުގެ 75 އިންސައްތަ ނެގި އިރު، އަނެއް 25 އިންސައްތައިގެ ހާލަތު ބެލުމަށް ހަދަންޖެހިފައިވާ އެމްއާރުއައި ސްކޭން އަދިވެސް ނުހެދެ އެވެ. ދޭތެރެއަކުން ކިޑްނީގެ މައްސަލަވެސް ކުރިމަތިވެ އެވެ.

ދަރުސް ތަކުގެ އިތުރުން ޝެއިޚް އިބްރާހިމް ވަނީ ދިވެހިބަހުން އެތަކެއް ފޮތްތަކެއް ލިޔުއްވައި އަރަބި ފޮތްތައް ތަރުޖަމާ ކުރައްވާފަ އެވެ. އެގޮތުން ފާހަގަކޮށްލެވޭ ފޮތްތަކުގެ ތެރޭގައި ޙިސްނުލް މުސްލިމް، ކިތާބުއް ޞިޔާމު، ނަބީބޭކަލުންގެ ތަރިކަ، ތައުޙީދުގެ ޚުލަސާ، ކިތާބުއް ޞަލާތު ފަދަ މުހިންމު އެތަކެއް ފޮތެއް ހިމެނެ އެވެ.