އަދާލަތު ޕާޓީގެ ރައީސް ޝެއިޚް އިމްރާން އަބްދުﷲގެ މައްޗަށް އުފުލާފައިވާ ދައުވާގެ ޝަރީޢަތް ގިނަ ދުވަސްތަކެއް ވަންދެން ކުރިއަށް ނުގެންގޮސް މެދުކަނޑާލާފައި އޮތުމަށް ފަހު އަނެއްކާވެސް އެ ޝަރީޢަތުގެ އަޑުއެހުންތައް މިހާރު ވަނީ ކުރިއަށް ގެންދަން ފަށާފައެވެ.
މީގެ ކުރިން 3 ފަނޑިޔާރުންގެ ބެންޗަކުން ބައްލަވަމުން ގެންދެވި، ޝެއިޚް އިމްރާން އަބްދުﷲގެ މައްޗަށް ދައުލަތުން އުފުލާފައިވާ ޓެރަރިޒަމްގެ ދަޢުވާގެ މައްސަލަ ބެއްލުވުން މިހާރު ހަވާލުކޮށްފައިވަނީ ފަނޑިޔާރު އަބުދުލް ބާރީ ޔޫސުފެވެ.
ހައިކޯޓުގެ ފަނޑިޔާރު ކަމުގަ މަޤާމަށް ކުރިމަތިލައްވާފައިވާ ފަނޑިޔާރު އަބްދުލް ބާރީ ޔޫސުފަކީ، ކުރީގެ ރައީސް މުހައްމަދު ނަޝީދު އަދި ކުރީގެ ޑިފެންސް މިނިސްޓަރ ކާނަލް ނާޒިމްގެ މައްސަލަ ކްރިމިނަލް ކޯޓުގައި ކުރިއަށްދިޔަ މައްސަލަ ބެެއްލެވި ބެންޗުގައި ހިމެނޭ ފަނޑިޔާރެކެވެ.
ރައީސް ނަޝީދު އަދި ކާނަލް ނާޒިމްގެ މައްޗަށް ކުރި ބޭއިންސާފު ޝަރީޢަތްތަކެއް ކަމަށް ބުނެ ގިނަ ބައެއްގެ ފާޑުކިޔުންތައް ޝަރުޢީ ދާއިރާއަށް އަމާޒުވެގެން ދިޔައިރު، އެ މައްސަލަތައް ބެއްލެވި ފަނޑިޔާރުންނަށް އަމާޒުކޮށް ވެސް ސިޔާސީ ބައެއް ފަރާތްތަކުން ވަނީ ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. ވަކިން ޚާއްސަގޮތެއްގައި، ކްރިމިނަލް ކޯޓުގައި ކުރިއަށް ދިޔަ ޝަރީޢަތްތަކަކީ، މާކުރިން ހުކުމް ލިޔެގެން ކުރިއަށް ގެންދިޔަ ޝަރީޢަތްތަކެއް ކަމަށް ވެސް ބައެއް ފަރާތްތަކުން ފާހަގަކޮށްފައިވެއެވެ.
ޝެއިޚް އިމްރާންގެ މައްސަލަ ބެއްލެވުން ފަނޑިޔާރު އަބުދުލް ބާރީ ޔޫސުފާއި ހަވާލުކުރެއްވުމަށް ފަހު ބޭއްވި ފުރަތަމަ އަޑުއެހުމަށް ފަހު އަނެއްކާވެސް ޝަރުޢީ ނިޒާމަށް ފާޑުކިޔާ ފަރާތްތަކުގެ އަޑު ވަނީ ގަދަވެފައެވެ. މިފަހަރު، ޝަރީއަތުގެ މަޖިލީހުގައި ފަނޑިޔާރު އަބްދުލް ބާރީ ޔޫސުފް ވިދާޅުވި ބަސްފުޅަކާއި ގުޅިގެންނެވެ.
ޝަރީޢަތުގެ މަޖިލީހުގައި ފަނޑިޔާރު ބާރީ ވަނީ ވަކި ކޮޅަކަށް ނުޖެހޭ ކަމަށާއި ނަމަވެސް ގޮތެއް ކަނޑައަޅުއްވައިގެން ހުންނެވިކަމަށް ވިދާޅުވެފައެވެ.
އަބްދުލް ބާރީ ޔޫސުފް، " ގޮތެއް ކަނޑައަޅުއްވައިގެން ހުންނެވިކަމަށް" ވިދާޅުވި އިރު، އިމްރާންގެ މައްޗަށް ދައުލަތުން ކުރާ ދައުވާގައި އެމަނިކުފާނާއި ދެކޮޅަށް އެއްވެސް ހެއްކެއް އޭރު ހުށަހަޅާފައެއް ނުވެއެވެ.
އެހެން ކަމުން ހެކި ހުށަހެޅުމުގެ ކުރިން މައްސަލަ ބައްލަވާ ފަނޑިޔާރަކު، " ގޮތެއް ކަނޑައަޅުއްވައިގެން ހުންނެވިކަމަށް" ވިދާޅުވުމަކީ ގިނަ ބައެއްގެ ހިތްތަކުގައި ސުވާލު އެފެދޭނެ ކަމެކެވެ. އަދި ފަނޑިޔާރު ނިންމެވި "ގޮތަކީ" ކޮބައިކަން ސާފުވާން ޖެހެއެވެ.
ދަރުހަކާއި އެކު ކުރިއަށް ގެންދަވާ ކަމަށް ފަނޑިޔާރު ބާރީ ވިދާޅުވި ޝަރީޢަތުގެ މަޖިލީހުގައި އެބޭފުޅާ ވަނީ ޝެއިޚް އިމްރާން އާއި އެމަނިކުފާނުގެ ވަކީލުންނާއި ވެސް ވަރުގަދަ ސުވާލުތަކެއް ކުރިމަތި ކުރުވާފައެވެ. އަދި އޭގެ ފަހުން ބޭއްވި އަޑުއެހުމުގައި އެވާހަކަތައް ރިޕޯޓްކުރި ނޫސްވެރިންނަށް ވެސް ހަމަހަމަ ކަމާއި އެކު ޚަބަރު ފެތުރުމަށް ފަނޑިޔާރު ބާރީ ވަނީ އަންގަވާފައެވެ.
ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ހ) 3 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ގޮތުން ފަނޑިޔާރުން އެބޭފުޅުންގެ ޒިންމާ އަދާކުރެއްވުމުގައި ވަކި ފަރާތަކަށް ނުޖެހުމާއި ވަކި ފަރާތެއްގެ ނުފޫޒަށް ނުލެނބުމާއި، ވަކި ފަރާތަކުން ދައްކަފާނެ ބިރަކަށް ޖެހިލުން ނުވުމާއި ތަޢައްސުބުން އެއްކިބާވާން ޖެހެއެވެ.
އެހެންކަމުން ފަނޑިޔާރު ބާރީ ވެސް އެކަމަށް އިސްކަން ދެއްވައިގެން ޝަރީޢަތް ކުރިއަށް ގެންދެވުމަކީ ވަރަށް މުހިއްމު ކަމެކެވެ. ހުރިހާ ކަމެއް ވެސް ސީޔާސީ ވެފައިވާ ދިވެހިރާއްޖޭގައ، ވަކިން ޚާއްސަކޮށް ފަނޑިޔާރަކަށް ގޯސްކޮށް ބުނެވޭ ކޮންމެ އެއްޗަކާއި މެދު ސުވާލު އުފައްދާނެއެވެ.