ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީއައިއޭ)ގެ އާ ޓާމިނަލް, ޓާމިނަލް 1 އަށް ހުރިހާ އެއާލައިނެއް ބަދަލުކޮށް ހިދުމަތް ދޭން ފަށައިފިއެވެ.
ތާރީހީ ކުލަގަދަ ހަފުލާ އަކާއެކު ވީއައިއޭގެ ޓާމިނަލް 1 ހުޅުވީ ރާއްޖޭގެ މިނިވަން ދުވަހުގެ އުފަލާއެކު މިއަހަރުގެ ޖުލައި 26 ގަ އެވެ.
އެމްއޭސީއެލް އިން ބުނީ ޓާމިނަލް 1 އިން މިހާރު ދަނީ 41 އެއާލައިނަކަށް ހިދުމަތް ދެމުން ކަމަށާއި އަދި މިހާތަނަށް 600,000 އަށްވުރެ ގިނަ ފަސިންޖަރުންނަށް ހިދުމަތް ދީފައިވާ ކަމަށެވެ.

ޓާމިނަލް 1 އަށް ހުރިހާ އެއާލައިނެއް ބަދަލުކޮށް, ހިދުމަތް ދޭން ފެށުން ފާހަގަކުރުމަށް މިއަދު ވަނީ ހާއްސަ ހަފުލާއެއް ބާއްވައިފަ އެވެ. އެ ހަފުލާ ޝަރަފުވެރި ކޮށްދެއްވީ އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު މުހައްމަދު އެވެ. މި ހަފުލާގައި ޓާމިނަލް 1 އަށް ހުރިހާ އެއާލައިނެއް ބަދަލުކޮށް ހިދުމަތް ދޭން ފެށުމުގެ ކާމިޔާބީ ފާހަގަކުރުމުގެ ގޮތުން ހާއްސަ ކޭކެއް ވަނީ ފަޅައިފަ އެވެ.
މި ހަފުލާގައި ވާހަކަދައްކަމުން ޝަރީފު ވަނީ އާ ޓާމިނަލް ހުޅުވުމަށް އެމްއޭސީއެލްގެ މުވައްޒަފުން ކުރި ބުރަ އަދި ބޮޑު މަސައްކަތް ފާހަގަކުރައްވައިފައެވެ. އެގޮތުން އެމްއޭސީއެލްގެ މުވައްޒަފުން, އެ މުވައްޒަފުންގެ އާއިލާއާ ދުރުގައި އެތައް ގަޑިއިރެއް ހޭދަކުރި އިރު, އެމްއޭސީއެލްގެ މުވައްޒަފުން މަސައްކަތްކުރީ އަމިއްލަ ނަފުސު އެއްފަރާތްކޮށް, އެމްއޭސީއެލް ވަންތަވެގެން ކަމަށް ވިދާޅުވި އެވެ.

އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު މުހައްމަދު އިތުރަށް ވިދާޅުވީ, ޓާމިނަލް 1 ހުޅުވުމަށް މުވައްޒަފުން ކުރި ބުރަ މަސައްކަތަކީ ގައުމަށާއި އެމްއޭސީއެލްއަށް ކޮށްދިން ކަމެއް ކަމަށާއި އެހެންކަމުން އެކަމަށްޓަކައި ފަހުރުވެރިވާ ކަމަށެވެ.
މީގެއިތުރުން މުވައްޒަފުންގެ އަމާޒަކަށްވާންވީ ގުޅިގެން މަސައްކަތްކޮށް، ކުންފުނި އާ އުސްމިންތަކަކަށް ގެންގޮސް މި އަހަރަށްވުރެ ކާމިޔާބު އަހަރަކަށް އަންނަ އަހަރު ހެދުމަށް ކަމަށް ވިދާޅުވި އެވެ.