Last Updated: July 9, 15:05
Thursday, July 9, 2026
ޚަބަރު

އައްޑޫ ކައުންސިލަށް 244 މިލިއަން ރުފިޔާގެ ބަޖެޓެއް

އައްޑޫ ސިޓީ ކައުންސިލުން މި އަހަރަށް 244 މިލިއަން ރުފިޔާގެ ބަޖެޓެއް ފާސްކޮށްފި އެވެ.

އިއްޔެ ބޭއްވި އައްޑޫ ކައުންސިލުގެ ރަސްމީ ޖަލްސާގައި މި ބަޖެޓު ފާސްކުރީ ކައުންސިލަރުންގެ އިއްތިފާގުންނެވެ.

މި ބަޖެޓުގައި މި އަހަރު ކައުންސިލަށް އާމްދަނީގެ ގޮތުގައި 103 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައިވާއިރު، ސަރުކާރުން ގްރާންޓްގެ ގޮތުގައި 90 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ބަޖެޓްގައި ލަފާކޮށްފައިވެ އެވެ. އަދި މިއަހަރު ކައުންސިލް މުވައްޒަފުންގެ މުސާރައަށް 97 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ލަފާކޮށްފައިވެ އެވެ.

ބަޖެޓް ފާސްކޮށްފައިވަނީ އެއް ހުށަހެޅުމާއެކު އެވެ. އެއީ ހުޅުދޫ އާއި މީދޫ މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތަކާއި ރިކަރެންޓް ހަރަދު ފިޔަވައި، އެހެން ހަރަދުތައް ނުކުރުމަށާއި އަދި މި އަހަރުގެ ބަޖެޓުގައި ހުޅުދޫ އާއި މީދޫއަށް ކަނޑައެޅިފައިވާ ބްލޮކް ގްރާންޓުން ކޮންމެ މަހަކަށް ޖެހޭ އަދަދު ކައުންސިލަށް ހޯދުމަށް ހުށަހެޅި ހުށަހެޅުމެވެ.

އައްޑޫ މޭޔަރު އަލީ ނިޒާރު ވިދާޅުވީ އަންނަ އަހަރު ވެގެންދާނީ ކައުންސިލަށް ދަތި އަހަރަކަށް ކަމަށާއި އެގޮތުން މުވައްޒަފުންގެ މުސާރައަށް ބޮޑު ބަދަލެއް ގެނެސްފައިވީ ނަމަވެސް ސަރުކާރުން އެކަމަށް އިތުރަށް ފައިސާ ދީފައި ނުވާ ކަމަށެވެ. އޭގެ ސަބަބުން ކައުންސިލްގެ މުވައްޒަފުންނަށް މުސާރަ ދިނުމުގައި ދަތިކަމެއް އަންނާނެ ކަމަށާއި އަދި ކައުންސިލްގެ ރިކަރެންޓް ހަރަދުތައް މެނޭޖްކުރުމަށްޓަކާ ފުރަތަމަ ފަހަރަށް ކައުންސިލްގެ އާމްދަނީއަށް ބަރޯސާވާންޖެހޭ ކަމަށްވެސް ނިޒާރު ވިދާޅުވި އެވެ.

އައްޑޫ ރައްޔިތުންނަށް ދޭންޖެހޭ ހިދުމަތްތައް ދިނުމަށް ތިބޭ މުވައްޒަފުންގެ މުސާރަ އާއި ކަރަންޓު ބިލުތަކަށް ދައުލަތުން ހަރަދުކުރަންޖެހޭ ކަމަށާއި ނިޒާމު ރޭވިފައި އޮތީ ކައުންސިލުން އާމްދަނީ ނެރެގެން މިފަދަ ކަންކަން ކުރާ ގޮތަކަށް ނޫން ކަމަށްވެސް ނިޒާރު ވިދާޅުވި އެވެ.