Last Updated: July 9, 15:05
Thursday, July 9, 2026
ޚަބަރު

އިންޓެލެކްޗުއަލް ޕްރޮޕަޓީ އޮފީސް އުފައްދައިފި

މޯލްޑިވްސް އިންޓެލެކްޗުއަލް ޕްރޮޕަޓީ އޮފީހުގެ ގާނޫނުގެ ދަށުން "މޯލްޑިވްސް އިންޓެލެކްޗުއަލް ޕްރޮޕަޓީ އޮފީސް" ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު އުފައްދަވައިފި އެވެ.

މި އިދާރާއަކީ އިކޮނޮމިކް މިނިސްޓްރީގެ ދަށުން ހިނގަމުންދާ ތަނެއްގެ ގޮތުގައި ރައީސް މުއިއްޒު ވަނީ ހަމަޖައްސަވާފަ އެވެ.

މޯލްޑިވްސް އިންޓެލެކްޗުއަލް ޕްރޮޕަޓީ ގާނޫނުގެ މައިގަނޑު ބޭނުމަކީ ރާއްޖޭގައި ފިކުރީ މުދާ ހިމާޔަތްކޮށް ކުރިއެރުވޭނެ ހަރުދަނާ ނިޒާމެއް ގާއިމުކޮށް ވިޔަފާރީގެ ދާއިރާގައި ފަންނުވެރިކަމާއި އާ އީޖާދުތަކަށް ހިތްވަރުދީ އެ ދާއިރާ ކުރިއަރުވާ ގައުމުގެ އިގުތިސާދީ ތަރައްގީއަށް މަގުފަހިކުރުމަށްޓަކައި މަސައްކަތް ކުރުމެވެ.

ރައީސް މުއިއްޒު މި ބިލް ތަސްދީގު ކުރެއްވީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ 21 ވަނަ ދުވަހު އެވެ. އަދި މިއަދުން ފެށިގެން މި ގާނޫނަށް ވަނީ އަމަލުކުރަން ފަށާފަ އެވެ.