މަސްތުވާތަކެއްޗާ ދެކޮޅަށް ހިންގި އޮޕަރޭޝަނެއްގައި މާލެއިން މީހަކު ހައްޔަރުކޮށް ބަންދުކޮށްފި އެވެ.
ފުލުހުން ބުނީ، މަސްތުވާތަކެތި ރާއްޖެ އެތެރެކޮށް، މަސްތުވާތަކެތީގެ ވިޔަފާރިކުރުން ހުއްޓުވުމަށް ފުލުހުން ކުރަމުން ގެންދާ މަސައްކަތްތަކުގެ ތެރެއިން، މާލޭގައި ހިންގި އޮޕަރޭޝަނެއްގައި މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. މި އޮޕަރޭޝަން ހިންގާފައިވަނީ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ޑްރަގް އެންފޯސްމަންޓާއި އިންޓެލިޖެންސް ގުޅިގެން ކަމަށް ފުލުހުން ބުނެފައިވެ އެވެ.
އެގޮތުން ޑިސެމްބަރު 30 ވަނަ ދުވަހު ހިންގި މި އޮޕަރޭޝަންގައި ކޯޓު އަމުރެއްގެ ދަށުން ގަލޮޅު ގެއެއް ބަަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި (35 ގުރާމް) އަދި 69،000 އަށް ވުރެ ގިނަ ރުފިޔާ ފެނިފައިވާ ކަމަށް ފުލުހުން ބުނެފައިވެ އެވެ.
މި މައްސަލައާއި ގުޅިގެން، ސ. ފޭދޫ / ޖޭޑް، މުހައްމަދު ޖާއިފު އަބްދުﷲ (22އ) ހައްޔަރުކޮށް އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށްވެސް ފުލުހުން މައުލޫމާތުދީފައިވެ އެވެ.
މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުނެފައިވެ އެވެ.