ޗެލްސީގެ ކޯޗުކަމުން އެންޒޯ މަރެސްކާ ވަކިވެއްޖެ އެވެ.
ޗެލްސީން ނެރުނު ބަޔާނެއްގައި ބުނީ އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގަށް ކޮލިފައިވުމުގެ އިތުރުން، މިހާރު ވާދަކުރަމުންދާ ހަތަރު މުބާރާތުގައިވެސް ހާސިލުކުރަން ބޭނުންވާ މުހިންމު ލަނޑުދަނޑިތަކެއް ހުރުމާއެކު، ސީޒަން ރަނގަޅު މިސްރާބަކަށް އަލުން ގެންދިޔުމަށް މިއީ ބަދަލެއް ގެންނަން އެންމެ ރަނގަޅު ވަގުތު ކަމަށް ދެ ފަރާތަށް ވެސް އެއްބަސްވެވޭ ކަމަށެވެ.
މީޑީއާ ރިޕޯޓުތައް ބުނާގޮތުން މަރެސްކާ ޗެލްސީގެ ކޯޗުކަމުން ވަކިވީ އެ ކްލަބުގެ އިސްވެރިންނާއި ދެމެދު ޖެހުނު މައްސަލަތަކުގެ ސަބަބުންނެވެ.
މަރެސްކާ ،45، ޗެލްސީގެ ކޯޗުކަމާ ހަވާލުވީ މިދިޔަ އަހަރުގެ ޖޫން މަހު އެވެ. އޭނާގެ ކޯޗުކަމުގައި ޗެލްސީން ވަނީ ޔޫއެފާ ކޮންފަރެންސް ލީގާއި ފީފާ ކްލަބް ވޯލްޑް ކަޕް ކާމިޔާބުކޮށްފަ އެވެ. އަދި އަހަރުތަކަކަށް ފަހު ޗެލްސީ އަލުން އަނބުރާ ޗެމްޕިއަންސް ލީގަށް ވެސް އޭނާ ކޮލިފައިކޮށްދިނެވެ.
އިނގިރޭސި ޕްރިމިއާ ލީގުގެ 5 ވަނައިގައި ޗެލްސީ މިވަގުތު އޮތްއިރު، މިދިޔަ ޑިސެމްބަރު މަހު ޗެލްސީގެ ނަތީޖާތައް ވަނީ ވަރަށް ބޮޑަށް ދަށްވެގެން ގޮސްފަ އެވެ. އެގޮތުން ލީގުގައި އެންމެ ފަހުން ކުޅުނު 7 މެޗުގެ ތެރެއިން ޗެލްސީ މޮޅުވީ އެންމެ މެޗަކުންނެވެ.
ލީގުގައި ޗެލްސީން ދެން ބައްދަލުކުރާނީ މެންޗެސްޓާ ސިޓީއާ އެވެ.