ކުރިއަށް އޮތް ކައުންސިލް އިންތިހާބުގައި ސަރުކާރަށް ބޮޑުތަނުން ނޫނެކޭ ބުނަންޖެހޭ ކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.
އާ އަހަރުގެ މުނާސަބަތުގައި އާންމުކުރެއްވި ވީޑިއޯ މެސެޖެއްގައި ޝާހިދު ވިދާޅުވީ މިއަހަރު ބާއްވާ ކައުންސިލް އިންތިހާބުގައި ދޮގާއި، މަކަރާއި ހީލަތާއި ކޮރަޕްޝަނަށް ފުރުސަތުނުދޭނަމޭ ބުނެ، ޕީއެންސީ ސަރުކާރަށް ބޮޑުކޮށް ނޫނެކޭ ބުނެ، ޕީއެންސީ ސަރުކާރު ބަލިކުރުމަށް އަޅާ ފުރަތަމަ ފިޔަވަޅު އަޅާ އަހަރަށް ހަދަންޖެހޭ ކަމަށެވެ.
މިއީ ތަދުމަޑުކަން އާންމުކޮށް، ދިވެހި ރައްޔިތުން ބިކަކޮށް ހާލުގައި ޖެއްސުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ތަންފީޒު ކުރަމުންދާ "ނޭއްގާނީ" ސިޔާސަތުތަކަށް ފާޅުގައި ނޫނެކޭ ބުނަންވީ ވަގުތު ކަމަށާއި އަދި މިއީ ރައްޔިތުންގެ ހައްގުތައް ކަށަވަރުކުރުމަށް ތެދުވަންވީ ވަގުތު ކަމަށްވެސް ޝާހިދު ވިދާޅުވި އެވެ.
ޝާހިދު ވިދާޅުވީ މިދިޔަ އަހަރަކީ ދިވެހި ތާރީޚު ނުދެކޭ ފަދަ ބޮޑެތި ކޮރަޕްޝަންގެ އަމަލުތައް ސަރުކާރުން ހިންގި އަހަރެއް ކަމަށެވެ. އެގޮތުން ގާނޫނުތައް ބަދަލުކޮށް، އާންމުކޮށް އިއުލާން ކުރުމެއް ނެތި ސަރުކާރުގެ ވެރިންގެ މެދުގައި 2.7 ބިލިއަން ރުފިޔާގެ މަޝްރޫއުތައް ބަހާލި އަހަރެއް ކަމަށް ވިދާޅުވި އެވެ.
"ދައުލަތުގެ ކުންފުނިތަކުން ރައްޔިތުންގެ މުދަލަށް ޚިޔާނާތްތެރިވުން މި ސަރުކާރުން ވަނީ އާންމު ކޮށްފައި. ކުންފުނިތައް ވަނީ ބަނގުރޫޓް ވުމުގެ މަގުމަތީގައި. ގާނޫނުއަސާސީން ކަށަވަރު ކޮށްދިން އަދުލު އިންސާފުގެ ނިޒާމަށް އޮތް އިތުބާރު ކޯޓުތަކަށް ނުފޫޒު ފޯރުވައިގެން މި ސަރުކާރުން މިވަނީ ނަގާލާފައި. ގާނޫނުއަސާސީ އަށް ޣަައިރު ގާނޫނީ ބަދަލުތައް ގެނެސް ނުހައްގުން ފަނޑިޔާރުން މަގާމުން ވަކިކޮށް، މަޖިލިސް މެންބަރުން އަޅުވެތިކޮށް މިނިވަން މުއައްސަސާތަކަށް ސިޔާސީ އެކްޓިވިސްޓުން އައްޔަންކޮށް، ދިވެހި ދައުލަތުގެ އެންމެހާ އަސާސްތައް ޕީއެންސީގެ މި ސަރުކާރުން ވަނީ ނެތި ކޮށްލާފައި،" ޝާހިދު ވިދާޅުވި އެވެ.
ޝާހިދު ވަނީ މިއީ ޑިމޮކްރަސީ އުވާލިޔަ ނުދިނުމަށް ނުކުންނަންވީ ވަގުތު ކަމަށާއި މިއީ ދިވެހި ގައުމުގެ ދިފާޢުގައި ބަހާއި އަމަލުން ސާބިތުވާންވީ ވަގުތު ކަމަށްވެސް ވިދާޅުވެފަ އެވެ.