އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓާ ސިޓީ އާއި ސަންޑަލޭންޑް ބައްދަލުކުރި މެޗު ލަނޑެއް ނުޖެހި އެއްވަރުވެއްޖެ އެވެ.
މި ނަތީޖާއާއެކު ލީގުގެ ދެވަނައިގައި ސިޓީ އޮތީ 19 މެޗުން ލިބުނު 41 ޕޮއިންޓާއެކު އެވެ. އެއްވަނައިގައި 19 މެޗުން 45 ޕޮއިންޓާ އެކު އޮތީ އާސެނަލް އެވެ.
ސަންޑަލޭންޑްގެ ދަނޑުގައި ކުޅުނު މި މެޗުގައި ގޯލެއް ފެނިގެން ގޮސްފައި ނުވި ނަމަވެސް، ގޯލުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ދެ ޓީމަށް ވެސް ލިބިފައިވެ އެވެ. އެގޮތުން ސަންޑަލޭންޑްގެ ބްރޮބެރީ އަދި މަޔެންޑާ ފޮނުވާލި ހަމަލާތައް ސިޓީގެ ގޯލްކީޕަރު ޑޮނަރުއްމާ ދިފާއުކުރިއިރު، ސިޓީގެ ފޯވާޑް އާލިން ހާލަންޑް އަދި ސަވީނިއޯ ފޮނުވާލި ހަމަލާ މަތަކުރީ ސަންޑަލޭންޑްގެ ކީޕަރު ރޮއިފްސް އެވެ.
މީގެއިތުރުން ސިޓީގެ ޑިފެންޑަރު ޔޮސްކޯ ގްވާޑިއޯލް ފޮނުވާލި ހަމަލާއެއް ސަންޑަލޭންޑްގެ ދަނޑިއަށް ވެސް އަމާޒުވެފައިވެ އެވެ.
ޕްރިމިއާ ލީގުގައި ރޭ އަމިއްލަ ދަނޑުގައި ކުޅެ ލިވަޕޫލް ވަނީ ލީޑްސް ޔުނައިޓެޑް އަތުން އެއްވަރުވެފަ އެވެ. އެ މެޗު ވެސް ނިމުނީ ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ. ލިވަޕޫލް މިހާރު އޮތީ 19 މެޗުން ލިބުނު 33 ޕޮއިންޓާ އެކު ލީގުގެ ހަތަރުވަނައިގަ އެވެ.