ހދ. ހަނިމާދޫ އެއާޕޯޓް ހަދަންވީ ސަރަހައްދީ އެއާލައިނެއްގެ ހަބަކަށް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ނަޝީދު މިހެން ވިދާޅުވެފައިމިވަނީ އިންޑިއާގެ ކްރެޑިޓް ލައިންގެ އެހީގައި ހދ. ހަނިމާދޫ ގައި ތަރައްގީކުރި އިންޓަނޭޝަނަލް އެއާޕޯޓު ހިންގުމަށް އިންޑިއާގެ އެހީއަށް ރާއްޖޭން އެދިފައިވާ ކަމަށް އިންޑިއާގެ މީޑިއާގައި ރިޕޯޓުކޮށްފައިވާ ދަނޑިވަޅެއްގަ އެވެ.
ނަމަވެސް އެ ވާހަކަތަކައް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން މިއަދު ވަނީ ދޮގުކުރައްވާފަ އެވެ.
ނަޝީދު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ, ހަނިމާދޫ އެއާޕޯޓަކީ ސަރަހައްދީ އެއާލައިނެއްގެ ހަބަކަށް ހަދައި, އެ އެއާލައިނާ ގުޅިގެން އެ އެއާޕޯޓް ހިންގުމުން ދިވެހިންނަށް ލިބޭނެ ފައިދާ ބޮޑު ވާނެ ކަމަށެވެ. އަދި އެކަން ވާނީ މުޅި ބޮޑު އުތުރުގެ ތަރައްގީއަށް ފަހި ވާނެ ފުރުސަތަކަށް ކަމަށްވެސް ވިދާޅުވި އެވެ.
ހަނިމާދޫ އެއާޕޯޓާ ގުޅޭގޮތުން "ދަ ހިންދޫ" ގައި ބުނެފައިވަނީ އެއާޕޯޓު މެނޭޖު ކުރުމުގައި އިންޑިއާގެ އެހީއަށް ރާއްޖެ އިން އެދިފައިވާ ކަމަށާއި އެކަމާ ގުޅިގެން ދިރާސާތައް ހެދުމަށް އިންޑިއާގެ އެއާޕޯޓްސް އޮތޯރިޓީ (އޭއޭއައި) ގައި އެ ގައުމުގެ ސަރުކާރުން އެދިފައިވާ ކަމަށެވެ. އިންޑިއާގެ އެއާޕޯޓްސް އޮތޯރިޓީގައި އެ ގައުމުގެ ސަރުކާރުން މި ނިމޭ ހަފްތާގެ ކުރީކޮޅު އެދިފައިވަނީ ދިވެހި ސަރުކާރުގެ އެ 'ޕްރޮޕޯސަލް' ދިރާސާ ކުރުމަށް ކަމަށް ސަރުކާރުގެ އިިސް އޮފިޝަލަކާ ހަވާލާދީ ދަ ހިންދޫ އިން ބުނެފައިވެ އެވެ.