Last Updated: July 1, 23:10
Wednesday, July 1, 2026
ޚަބަރު

ސަނީ އުމަރު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ސަނީ އުމަރު

ކުޑަކުދިންތަކަކަށް ޖިންސީ ގޯނާ ކުރިކަމުގެ ކުށުގެ ތުހުމަތުގައި ހައްޔަރު ޑރ. ސަނީ އުމަރު ޝަރީއަތް ނިމެންދެން ބަންދުކުރަން ކްރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފި އެވެ.

ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން މިއަދު ބުނީ ކުރިމިނަލް ކޯޓުގެ އެ އަމުރަކީ ޕީޖީގެ ފަރާތުން އެދިގެން ނެރުނު އަމުރެއް ކަމަށެވެ.

މިދިޔަ ޑިސެމްބަރުމަހުގެ ތިންވަނަ ދުވަހު ކުރިމިނަލް ކޯޓުން ވަނީ ސަނީގެ ބަންދަށް 30 ދުވަސް ޖަހައިފައެވެ. އެ ދުވަހު ޕީޖީ އޮފީހުން ބުނެފައިވަނީ ސަނީ، ޝަރީއަތް ނިމެންދެން ބަންދުކުރުމުގެ އަމުރަކަށް އެދުމަށް ގަސްދުކުރާ ކަމަށެވެ.

ސަނީ އުމަރުގެ މައްޗަށް ތުހުމަތުކުރެވޭ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން އޭނާ ހައްޔަރުކުރީ މިދިޔަ މަހުގެ ކުރީކޮޅު އެވެ.

ދަ ޓްރެވެލް ގައިސް ޕްރައިވެޓް ލިމިޓެޑްގައި އިސްކޮށް އުޅުނު ސަނީގެ މައްޗަށް ކުޑަކުދިންތަކަކާ ބެހުނު މައްސަލަ ފުލުހުން ބަލަން ފެށީ ސޯޝަލް މީޑިއާގައި އެ ވާހަކަ ދެކެވެން ފެށުމުން ފުލުހުންގެ ސަމާލުކަމަށް އައުމާ ގުޅިގެންނެވެ. އޭރު ފުލުހުން ބުނީ އެއްވެސް ފަރާތަކުން އެ މައްސަލަ ރަސްމީކޮށް ފުލުހުންނަށް ރިޕޯޓް ނުކުރާ ކަމަށެވެ.

ނަމަވެސް ސަނީ ބެހުނު ކަމަށް ބުނާ ކުދިންގެ އާއިލާގެ ފަރާތުން އެ މައްސަލަ ރަސްމީކޮށް ރިޕޯޓް ކުރުމުން ފުލުހުން އަންނަނީ އެކަން އިތުރަށް ތަހުގީގު ކުރަމުންނެވެ.