ހައްދެއް އިމެއް ނެތި ހުކުރު ހުތުބާ ދިނުން އެންމެންނަށް ހުޅުވާލައިފިނަމަ، ދީނީ ގޮތުން ނުތަނަވަސް ހާލަތަކަށް ރާއްޖެ ވެއްޓިގެން ދިޔުމުގެ ބިރު އޮތް ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު މިހެން ވިދާޅުވީ ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ހުކުރު ހުތުބާއަކީ ކޮންމެހެން އެއް މައުޟޫއަކަށް ލިޔެގެން ހުރިހާ މިސްކިތެއްގައި އެއްގޮތަކަށް ކިޔަންޖެހޭ އެއްޗެއް ނޫން ކަމަށާއި އަދި ހުތުބާ ދެވޭ ފެންވަރުގެ އިލްމާއި ގާބިލުކަން ހުރި ކޮންމެ މީހަކަށް، އެއިރެއްގެ ހާލަތާ ގުޅޭ މައުޟޫއެއް އިހުތިޔާރުކުރުމުގެ މިނިވަންކަން އޮންނަންޖެހޭނެ ކަމަށް ވިދާޅުވުމާ ގުޅިގެންނެވެ.
އެ ވާހަކަތަކާ ގުޅިގެން ޝަހީމް ވިދާޅުވީ އެއީ ރަނގަޅު ވިސްނުމެއް ނޫން ކަމަށާއި، ރާއްޖޭގެ ހުރިހާ އިމާމުންނަކީ އަމިއްލައަށް ހުތުބާ ތައްޔާރުކޮށްގެން ދެވޭ ފެންވަރުގެ ބައެއް ނޫން ކަމަށެވެ. އަދި ވަކި ހަމައެއް ނެތި އެކަން ހުޅުވާލައިފިނަމަ ދީނީ ތަފާތު ފިކުރުތައް އުފެދި، އެކި މިސްކިތްތަކުގައި އެކި މަޒުހަބުތަކަށް ހުތުބާ ކިޔައި ހަމަނުޖެހުން އުފެދުމުގެ ފުރުސަތު އޮންނާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އަދި ހައްދެއް އިމެއް ނެތި އެގޮތަށް މިކަން އެންމެންނަށް ހުޅުވާލައިފިނަމަ ދީނީ ގޮތުން ނުތަނަވަސް ހާލަތަކަށް ރާއްޖެ ވެއްޓިގެން ދިޔުމުގެ ބިރު އޮންނާނެއެވެ. އަދި އެކަމަށް ޖާގައެއް ނުދޭނެ ކަމަށްވެސް ޝަހީމް ވިދާޅުވިއެެވެ.
"ރާއްޖޭގައި ހުތުބާ ކަންތަކުގައި އަމަލު ކުރަމުން މި ދަނީ ރާއްޖޭގެ މަސްލަހަތާއި ގުޅޭ ގޮތަށް. އަދި ރާއްޖޭގެ ދީނީ އެއްބައިވަންތަކަމާ ވެސް ގުޅޭ ގޮތަށް ހަރުދަނާ ނިޒާމެއްގެ ތެރެއިން. ތިޔަ ވިދާޅުވާ ގޮތަށް ހުޅުވިފައި އޮންނަ ގައުމުތަކުގައި ދީނީ ތަފާތު ފިކުރުތައް އުފެދި ޖަމާއަތްތައް އުފެދި އެކި މިސްކިތްތަކުގައި އެކި މަޒުހަބުތަކަށް ހުތުބާ ކިޔާ ހަމަނުޖެހުން އުފެދިގެން ގޮސްފައިވޭ،". ޝަހީމް ވިދާޅުވިއެވެ.
ޝަހީމް ވިދާޅުވީ، ރާއްޖޭގައި ޒަމާނުއްސުރެ މިކަން ގާއިމުވެފައިވާ ދިމާލަށް މިއަދު އިސްލާމީ ދުނިޔޭގެ ގައުމުތައް ވަނީ އަމާޒު ހިފާފައި ކަމަށެވެ.
"ރާއްޖޭގެ ކުރީގެ ވެރިންނާއި ސަރުކާރުތަކުން ޚުޠުބާގެ ނިޒާމު ދަމަހައްޓާފައިވަނީ ވަރަށް ރަނގަޅު ގޮތަކަށްކަމަށް އަޅުގަނޑު ގަބޫލް ކުރަނީ. އިންޝާﷲ އަޅުގަނޑުމެން އެކަން އެގޮތަށް ދަމަހައްޓާނަން،". ޑރ. ޝަހީމް ވިދާޅުވިއެވެ.
ޝަހީމް ވިދާޅުވީ، ހުތުބާގެ މައުޟޫތަކާއި މެދު ރައްޔިތުންގެ ހިޔާލު ހޯދީ މުޖުތަމައުއައް އެންމެ ބޭނުންތެރި މަގުން ހުތުބާ ތައްޔާރު ކުރުމަށް ކަމަށެވެ.