Last Updated: July 9, 17:26
Thursday, July 9, 2026
ޚަބަރު

ކައުންސިލް އިންތިހާބަށް 7000 އޮފިޝަލުން ތަމްރީން ކުރަނީ

ކުރިއަށް އޮތް ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކެމެޓީގެ އިންތިހާބަށް 7000 އެއްހައި އޮފިޝަލުން ތަމްރީނު ކުރުމުގެ މަސައްކަތް މިމަހުގެ 11 ވަނަ ދުވަހު ފަށާނެ ކަމަށް އިލެކްޝަން ކޮމިޝަން (އީސީ) އިން ބުނެފިއެވެ.

އެގޮތުން އެ ކޮމިޝަނުން މިހާރު ވަނީ އޮފިޝަލުން ތަމްރީނުކުރުމަށް ބޭނުންވާ ޓްރެއިނަރުންގެ ތަމްރީނުތައް ވެސް ފަށާފައެވެ.

މި ޕްރޮގްރާމް ކުރިއަށް ގެންދާނީ މިއަދުން ފެށިގެން މިމަހުގެ 9 އަށެވެ. މި ޓްރެއިނިންގ ޕްރޮގުރާމުގައި ރާއްޖޭގެ އެކި ސަރަހައްދުތަކުން ޖުމްލަ 95 ޓްރެއިނަރުން ބައިވެރިވެފައިވެއެވެ. މީގެއިތުރުން މިޓްރެއިނިންގ ޕްރޮގުރާމުގައި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ ފަރާތުން ބައިވެރިވެއެވެ.

މި ޓްރެއިނިންގ ޕްރޮގްރާމްގެ މަޤުޞަދަކީ އިންތިޚާބު ކުރިއަށްދާއިރު މާލެއާއި، އަތޮޅުތަކުގައި އަދި ރާއްޖެއިން ބޭރުގައި ބެހެއްޓޭ ވޯޓުފޮށިތަކުގައި މަސައްކަތްކުރާ އޮފިޝަލުންނަށް، ޤާނޫނުތަކާއި ގަވާއިދުތަކުގައިވާ ގޮތުގެ މަތިން ވޯޓުނެގުމާއި ވޯޓުގުނުމުގެ މަސައްކަތްތައް ކުރިއަށް ގެންދާނެ ގޮތް ކިޔައިދިނުމާއި، އެފަރާތްތައް މިމަސައްކަތަށް ތައްޔާރުކުރުމެވެ. މިގޮތުން ޕްރޮގްރާމުގައި އިންތިޚާބުގެ ކަންކަން އަމަލީގޮތުން ހިންގުމަށް ބޭނުންވާ އިލްމީ އަދި ފަންނީ ތަމްރީނު ދޭނެއެވެ.

މި ޓްރެއިނިންގ ޕްރޮގްރާމަށްފަހު މާލެއާއި، އަތޮޅުތަކުގައި ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާ އޮފިޝަލުން ތަމްރީނުކުރުމުގެ ޕްރޮގްރާމް ޖަނަވަރީ 11 ވާ އާދީއްތަ ދުވަހުން ފެށިގެން ކުރިއަށްދާނެއެވެ.