Last Updated: July 9, 17:19
Thursday, July 9, 2026
ޚަބަރު

ކުދި ވިޔަފާރިތަކަށް އެންމެ ބޮޑު އިސްކަމެއް ދެއްވީ ރައީސް މުއިއްޒު

ރައީސް ޑރ. މުއިއްޒާއި، އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު -- ފޮޓޯ/ ރައީސް އޮފީސް

ރައީސް ޑރ. މުހައްމަދު މުއިއްޒު ފިޔަވާ ކުދި އަދި މެދު ފަންތީގެ ވިޔަފާރިވެރިންނަށް މިހާބޮޑު އަހަމިއްޔަތު ކަމެއް ދެއްވައި ވިޔަފާރިވެރިން އެދުނު ފަދައިން ކަންކަން ރަނގަޅު ކުރަން މަސައްކަތް ކުރެއްވި ވެރިއަކު ދެކިވަޑައިނުގަންނަވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރ ސައީދު މިހެން ވިދާޅުވީ ރައީސް އޮފީހުން ތައްޔާރުކޮށް ގެނެސްދޭ، ”ތަރުޖަމާނާއެކު“ ޕޮޑްކާސްޓުގެ މިއަދު ގެނެސްދިން ފުރަތަމަ އެޕިސޯޑުގައި ވާހަކަ ދައްކަވަމުންނެވެ.

ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ދިމާވާ މައްސަލަތައް އޮޅުންފިލުވުމަށް ރައީސް މުޢިއްޒު މިދިޔަ އަހަރު ޑިސެމްބަރު މަހުގެ 17 ވަނަ ދުވަހު ވިޔަފާރިވެރިންނާއި ބައްދަލުކުރެއްވިއެވެ.

ސައީދު ވިދާޅުވީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ހާއްސާކޮށްގެން ކުރިއަށް އޮތް ދެ އަހަރަށް އަމާޒު ކުރައްވައިގެން ކަންތައްތައް ކުރައްވާނެ ގޮތާމެދު ރައީސް މުއިއްޒު ވަނީ ކެބިނެޓްގައި މަޝްވަރާކުރައްވާފައި ކަމަށާއި އެގޮތުން ވިޔަފާރިތަކުން ފާޅުކުރި ކަންބޮޑުވުންތަކާއި ގުޅިގެން ސަރުކާރުގެ ގުޅުންހުރި އެކި އިދާރާތަކަށް ރައީސް އޮފީހުން އިރުޝާދު ދީފައިވާ ކަމަށެވެ. އަދި އެ ވިޔަފާރިތަކުން ހުށަހެޅި ޝަކުވާތަކަށް އިދާރާތަކުން ހައްލެއް ގެނައުމަށް އެދިފައިވާ ކަމަށް ސައީދު ވިދާޅުވި އެެވެ.

"މީގެ ކުރިން ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގައި މިހާ ފޯކަސްޑްކޮށް، މިހާ ނަތީޖާ ނެރެވޭ ގޮތަށް އަޅުގަނޑަށް ގަބޫލެއް ނުކުރެވޭ ހަމަ އެއްވެސް ޒަމާނެއްގައި ހަމަޖެހިފައި އޮތް ކަމަކަށް، މިހާރު މިދަނީ މީގެ ނަތީޖާތައް ފެންނަމުން،" ސައީދު ވިދާޅުވި އެވެ.

މީގެއިތުރުން މިނިސްޓަރ ސައީދު ވަނީ ވިޔަފާރިތަކަށް ދިމާވާ ދަތިތައް ހައްލުކުރުމަށް ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކަށް ވެސް އަލިއަޅުއްވާފައެވެ. އެގޮތުން ސަރުކާރުން މިހާރު ވައިގެ ބަނދަރާއި މާލެ ވިޔަފާރި ބަނދަރަށް ދިމާވެފައިވާ ގޮންޖެހުންތައް ހައްލުކުރުމަށް މަސައްކަތް ފަށާފައިވާކަން ފާހަގަކުރެއްވިއެވެ.