Last Updated: July 9, 17:26
Thursday, July 9, 2026
ދުނިޔެ

އެމެރިކާއިން "ވަގަށް" ނެގި މަޑޫރޯއަށް ގިނަ ދައުވާތަކެއް

އެމެރިކާ އިން ވެނެޒުއޭލާއަށް ވަރުގަދަ ހަމަލާތަކެއް ދިނުމަށްފަހު "ވަގަށް" ނަގައިގެން ގެންގޮސްފައިވާ އެ ގައުމުގެ ރައީސް ނިކޮލަސް މަޑޫރޯގެ މައްޗަށް ގިނަ ދައުވާތަކެއް އުފުލުމަށް އެމެރިކާ ސަރުކާރުން ނިންމައިފި އެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އަމިއްލަފުޅު ސޯޝަލް މީޑިއާ ޕްލެޓްފޯމް "ޓްރަތު ސޯޝަލް" ގައި ކުރެއްވި ޕޯސްޓެއްގައި ވަނީ މަޑޫރޯ އާއި އޭނާގެ އަނބިކަނބަލުން ހިފަހައްޓައި އެގައުމުން ބޭރަށް ގެންގޮސްފައިވާ ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް ގެންދިޔަ ތަނެއް ޓްރަމްޕް ހާމަކުރައްވާފައެއް ނުވެ އެވެ.

އެމެރިކާގެ އެޓާނީ ޖެނެރަލް ޕަމެލާ ބޮންޑީ ވިދާޅުވީ މަޑޫރޯ އާއި އޭނާގެ އަނބިކަނބަލުން ސިލިއާ ފްލޯރެސްގެ މައްޗަށް ނިއު ޔޯކުގެ ސަދަން ޑިސްޓްރިކްޓްގައި ގިނަ ދައުވާތަކެއް އުފުލާފައިވާ ކަމަށެވެ.

މި ދައުވާތަކުގެ ތެރޭގައި ހިމެނެނީ، މަސްތުވާތަކެތީގެ ވިޔަފާރިއާ ގުޅުންހުރި ޓެރަރިޒަމްގެ އަމަލުތައް ހިންގަން ރޭވުމާއި، ކޮކެއިން އެތެރެކުރުމަށް ރޭވުމާއި، މެޝިން ބަޑި އާއި ބޮންފަދަ ނުރައްކާތެރި އާލާތްތައް ގެންގުޅުމުގެ އިތުރުން، އެމެރިކާއާ ދެކޮޅަށް މިފަދަ ހަތިޔާރާއި އާލާތްތައް ގެންގުޅުމަށް ރޭވުމުގެ ކުށުގެ ދައުވާ އެވެ.

ޕަމެލާ ވިދާޅުވީ މަޑޫރޯ އާއި އޭނާގެ އަނބިކަނބަލުން އެމެރިކާގެ ފަސްގަނޑުގައި އިންސާފާއި ކުރިމަތިލާންޖެހޭނެ ކަމަށްވެސް ވިދާޅުވެފަ އެވެ.

އެމެރިކާއިން ވެނެޒުއެލާއަށް ދިން ހަމަލާތައް މައިގަނޑު ގޮތެއްގައި އަމާޒުކުރީ އަސްކަރީ ތަންތަނަށެވެ. މި ހަމަލާތަކާ ގުޅިގެން ވެނެޒުއޭލާގައި ވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފަ އެވެ.