Last Updated: July 9, 17:26
Thursday, July 9, 2026
ދުނިޔެ

ވެނެޒުއެލާ ދެން ހިންގާނީ އެމެރިކާއިން: ޓްރަމްޕް

ވެނެޒުއެލާ ދެން ހިންގާނީ އެމެރިކާއިން ކަމަށް އެގައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.

އެމެރިކާ އިން ވެނެޒުއޭލާއަށް ވަރުގަދަ ހަމަލާތަކެއް ދިނުމަށްފަހު ވަނީ އެގައުމުގެ ރައީސް ނިކޮލަސް މަޑޫރޯ އާއި އޭނާގެ އަނބިކަނބަލުން ހައްޔަރުކޮށްގެން ގޮސްފަ އެވެ. އެގޮތުން މަޑޫރޯ އެމެރިކާއަށް ގެންގޮސްފައިވާއިރު، އޭނާ އަނބިކަނބަލުން ވީތަނެއް އެނގިފައެއް ނުވެ އެވެ.

ވައިޓް ހައުސްގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި ޓްރަމްޕް ވިދާޅުވީ ވެނެޒުއޭލާގައި ސިޔާސީ ހަމަޖެހުން ގާއިމުވެ، ވެރިކަން ބަދަލުކުރުމުގެ މަރުހަލާ ރައްކާތެރިކަމާ އެކު ފުރިހަމަކުރެވެންދެން އެ ގައުމު ހިންގާނީ އެމެރިކާއިން ކަމަށެވެ. އެކަމާ ގުޅޭ މާބޮޑު ތަފްސީލެއް ނުދީ ޓްރަމްޕް ވަނީ ވެނެޒުއެލާ ރަނގަޅަށް ހިނގާނެކަން އެމެރިކާއިން ކަށަވަރުކުރާނެ ކަމަށް ވިދާޅުވެފަ އެވެ.

އަދި އެމެރިކާގެ ތެޔޮ ކުންފުނިތަކުން ވެނެޒުއެލާގެ ތެލުގެ ސިނާއަތް އާރާސްތުކުރުމަށް ވެސް އެހީތެރިވެދޭނެ ކަމަށާއި އަދި ވެނެޒުއެލާއަށް ބޭނުންވާ ފައިސާ ވެސް އެ ކުންފުނިތަކުން އުފައްދައިދޭނެ ކަމަށް ޓްރަމްޕް ވިދާޅުވި އެވެ.

މީގެއިތުރުން މަޑޫރޯ ހައްޔަރުކުރެވުމާއެކު ވެނެޒުއެލާ ރައްޔިތުން މިނިވަންވެފައިވާ ކަމަށާއި އަދި އެމެރިކާއަށް ވެސް މިހާރު ރައްކާތެރިކަން ލިބިގެން ގޮސްފައިވާ ކަމަށް ވިދާޅުވި އެވެ.

މަޑޫރޯ ހައްޔަރުކޮށްގެން އެމެރިކާއަށް ގެނެސްފައިވާއިރު އޭނާގެ މައްޗަށް ގިނަ ދައުވާތަކެއް އެމެރިކާ ސަރުކާރުން މިހާރު ވަނީ އުފުލާފަ އެވެ. މި ދައުވާތަކުގެ ތެރޭގައި ހިމެނެނީ، މަސްތުވާތަކެތީގެ ވިޔަފާރިއާ ގުޅުންހުރި ޓެރަރިޒަމްގެ އަމަލުތައް ހިންގަން ރޭވުމާއި، ކޮކެއިން އެތެރެކުރުމަށް ރޭވުމާއި، މެޝިން ބަޑި އާއި ބޮންފަދަ ނުރައްކާތެރި އާލާތްތައް ގެންގުޅުމުގެ އިތުރުން، އެމެރިކާއާ ދެކޮޅަށް މިފަދަ ހަތިޔާރާއި އާލާތްތައް ގެންގުޅުމަށް ރޭވުމުގެ ކުށުގެ ދައުވާ އެވެ.

އެމެރިކާއިން ވެނެޒުއެލާއަށް ދިން ހަމަލާތައް މައިގަނޑު ގޮތެއްގައި އަމާޒުކުރީ އަސްކަރީ ތަންތަނަށެވެ. މި ހަމަލާތަކާ ގުޅިގެން ވެނެޒުއޭލާގައި ވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފަ އެވެ.