އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ބޯންމަތް 3-2 އިން ބަލިކޮށް ލީގުގެ އެއްވަނައިގައި އާސެނަލުން ހަ ޕޮއިންޓްގެ ލީޑެއް ނަގައިފި އެވެ.
މި މޮޅާއެކު ލީގުގެ އެއްވަނައިގައި އާސެނަލް މިހާރު އޮތީ 20 މެޗުން ލިބުނު 48 ޕޮއިންޓާ އެކު އެވެ. ދެވަނައިގައި 20 މެޗުން 42 ޕޮއިންޓާ އެކު އޮތީ އެސްޓަންވިލާ އެވެ. ތިންވަނައިގައި 19 މެޗުން ލިބުނު 41 ޕޮއިންޓާ އެކު އޮތީ މެންޗެސްޓާ ސިޓީ އެވެ. ސިޓީން މިރޭ އަމިއްލަ ދަނޑުގައި ޗެލްސީއާ ދެކޮޅަށް ނިކުންނާނެ އެވެ.
ބޯންމަތްގެ ދަނޑުގައި ކުޅުނު މެޗުގެ 10 ވަނަ މިނެޓްގައި އެވަނިލްސަން ވަނީ ބޯންމަތަށް ލީޑު ނަގައިދީފަ އެވެ. އޭގެ ހަ މިނެޓް ފަހުން ގެބްރިއަލް އާސެނަލަށް ނަތީޖާ އެއްވަރުކޮށްދިން އިރު، ދެވަނަ ހާފްގެ ކުރީކޮޅު ޑެކްލަން ރައިސް ވަނީ އާސެނަލަށް ލީޑު ނަގައިދީފަ އެވެ. އަދި އާސެނަލްގެ ތިންވަނަ ގޯލު މެޗުގެ 71 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ވެސް ރައިސް އެވެ.
މެޗުގެ 76 ވަނަ މިނެޓްގައި އެލި ޖޫނިއާ ކްރުޕީ ބޯންމަތަށް ގޯލެއް ކާމިޔާބުކޮށްދިން އިރު، ނަތީޖާ އެއްވަރުކުރަން އެޓީމުން ކުރި މަސައްކަތް ކާމިޔާބު ވެފައެއް ނުވެ އެވެ.
ޕްރިމިއާ ލީގުގައި ރޭ އެސްޓަންވިލާ އިން ވަނީ އަމިއްލަ ދަނޑުގައި 3-1 އިން ނޮޓިންހަމް ފޮރެސްޓް ބަލިކޮށްފަ އެވެ.