Last Updated: July 9, 17:26
Thursday, July 9, 2026
ޚަބަރު

ބޮޑު ދެ އިންތިހާބު އެއްކޮށްލަން ބިލެއް ހުށަހަޅައިފި

ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކޮށްލުމަށް ގާނޫނުއަސާސީއަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުމަށް ހުށަހަޅައިފި އެވެ.

ސަރުކާރުގެ ފަރާތުން ގާނޫނުއަސާސީއަށް މި އިސްލާހުތައް ހުށަހެޅުއްވީ ޕީއެންސީގެ ޕީޖީ ލީޑަރު އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހް އެވެ.

މި އިސްލާހު މަޖިލީހަށް ހުށަހެޅުމަށާއި އިބްތިދާއީ ބަހުސް ފެށުމަށް މާދަމާ ދައުރުން ބޭރު ޖަލްސާއެއް ބޭއްވުމަށް ވަނީ ނިންމާފަ އެވެ.

މި އިސްލާހުގައި ބުނެފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމަށް މީހުން ހޮވުމަށް ބާއްވަންޖެހޭ އިންތިހާބު ބާއްވާނީ، ގާނޫނުއަސާސީގެ 110 ވަނަ މާއްދާގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަކު ހޮވުމަށް ބާއްވާ އިންތިހާބާއެކު ކަމަށެވެ.

މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ އުމުރަކީ ޑިސެމްބަރު މަހުގެ އެއްވަނަ ދުވަހުން ފެށިގެން ފަސް އަހަރު ދުވަސް ކަމަށާއި، އެ މުއްދަތު ހަމަވުމުން މަޖިލިސް އުވުނީ ކަމަށް ކަނޑަަޅަންވެސް ވަނީ ހުށަހަޅައިފައެވެ.

އެގޮތުން މިހާރު އޮތް ރައްޔިތުންގެ މަޖިލީހުގެ އުމުރު ހަމަވެގެން މަޖިލިސް އުވާލުމާއެކު، އަލަށް އިންތިހާބުކުރާ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ޖަލްސާ ބާއްވަން ވާނީ ޑިސެމްބަރު މަހުގެ އެއްވަނަ ދުވަހު ކަމަށް ކަނޑައަޅަންވެސް ވަނީ ހުށަހަޅައިފައެވެ.