މަސްތުވާތަކެއްޗާއި ދެކޮޅަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ފުލުހުން ކުރިއަށް ގެންދާ "އޮޕަރޭޝަން އަލިމަގު" ގެ ދަށުން އައްޑޫގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ހައްޔަރުކުރި ޑްރަގު ނެޓްވޯކުގެ ބޮޑުންގެ ބަންދުގެ މުއްދަތު އިތުރުކޮށްފި އެވެ.
އައްޑޫގައި ހިންގި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ ސ. ހިތަދޫ / ކޮންމުލި، އަލީ ނަދީމް (30އ) އާއި ސ. ހިތަދޫ / ފަލާން، ހާފިޒް ފައުޒީ (31އ) އާއި ސ. ހިތަދޫ / ވެޔޮފެހެބުރުގެ، އިބްރާހީމް ސިރާޖު (43އ) އާއި ސ. ހިތަދޫ / ދޮރުފޮތިމާގެ، ހަސަން އަލްފާފް (28އ) އަދި ސ. ހިތަދޫ / ކެކުރިމާގެ، އަމީން މުހައްމަދު (23އ) އެވެ.
އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ މީހުންގެ ތެރެއިން އަލީ ނަދީމް، އިބްރާހިމް ސިރާޖު އަދި ހާފިޒް ފައުޒީގެ ބަންދު މުއްދަތު ހަމަވާތީ އިއްޔެ ވަނީ ކޯޓަށް ހާޒިރުކޮށްފައެވެ. ކޯޓުންވަނީ އެ ތިން މީހުންގެ ބަންދަށް 30 ދުވަސް ޖަހައިދީފަ އެވެ.
ކޯޓުންވަނީ ހަސަން އަލްފާން އަދި އަމީން މުހައްމަދުގެ ބަންދަށް މިދިޔަ ޑިސެމްބަރުމަހުގެ 24 ވަނަ ދުވަހު 30 ދުވަސް ޖަހައިދީފައެވެ.
ފުލުހުން ބުނީ މި ނެޓްވޯކްގެ އިސްފަރާތްތަކަށް އަމާޒުކޮށް މަސްތުވާތަކެތި ޓްރެފިކް ކުރުމާއި މަނީ ލޯންޑާ ކުރުމުގެ ތަހުގީގެއް ފުލުހުން ފަށާފައި ވަނީ މި އަހަރު މާޗު މަހުން ފެށިގެން ކަމަށެވެ. އަދި މި ނެޓްވޯކްގެ ތެރެއިން 2017 އިން ފެށިގެން މަސްތުވާތަކެތިގެ ވިޔަފާރި ކުރަމުންދާކަން ހޯދިފައިވާ ކަމަށާއި އެގޮތުން ފާއިތުވި 5 އަހަރު މި ނެޓްވޯކްގެ އިސް 4 މީހެއްގެ އެކައުންޓްގައި 19 މިލިއަނަށް ވުރެ ގިނަ ދިވެހި ފައިސާ ދައުރުކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
މިމައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.