ޖުވާ ކުޅުމާއި ޖުވާ ކުޅޭތަނެއް ހިންގުމަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައަޅައި އެއް އަހަރާއި ހަތަރު އަހަރާއި ދެމެދުގެ ޖަލު އަދަބެއް ދެވޭ ގޮތަށް ގާނޫނުއަސާސީއަށް އިސްލާހު ހުށަހަޅައިފި އެވެ.
ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ހުށަހަޅުއްވާފައި ވަނީ ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު އަޒާން މަރުޒޫގެވެ. ދައުރުން ބޭރުން މާދަމާ ބޭއްވުމަށް ތާވަލުކޮށްފައިވާ ޖަލްސާގައި މި ބިލުގެ ފުރަތަމަ ކިޔުން އިއްވުން ވަނީ ތާވަލުކޮށްފަ އެވެ.
ބިލުގައި ހިމަނާފައި ވަނީ ޖުވާ ކުޅުން ނުވަތަ ޖުވާ ކުޅޭތަނެއް ހިންގުން ޖިނާއީ ކުށެއްކަމަށް ކަނޑައެޅުމަށެވެ. އަދި އެއީ ޖިނާއަތުގެ ހަތަރުވަނަ ދަރަޖައިގެ ކުށެއްކަމަށް ކަނޑައެޅުމަށް ހިމަނާފައިވެ އެވެ. ކުށުގެ އަސާސީ އަދަބެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ 1 އަހަރާއި، 7 މަހާއި 6 ދުވަހުގެ ޖަލު ހުކުމެކެވެ. އެންމެ ބޮޑު އަދަބެއްކަމަށް ވަނީ 4 އަހަރަށް ޖަލަށްލުމެވެ.
ޖުވާ ކުޅުމާއި ޖުވާ ކުޅޭ ތަނެއް ހިންގުމަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައެޅުމަށް ދިވެހި ރާއްޖޭގެ ޤާނޫނުލް ޢުޤޫބާތަށް އިސްލާޙު ގެނައުމުގެ ބިލެއް ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައިވާކަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ މިދިޔަ މަހު ހާމަކުރައްވާފަ އެވެ.