Last Updated: July 9, 18:19
Thursday, July 9, 2026
ޚަބަރު

ހަތް ތަނެއް ފާސްކޮށް ދެ ބިދޭސީއަކު އަތުލައިގެންފި

ރާއްޖޭގައި ގަވާއިދާ ހިލާފަށް ބިދޭސީން ހިންގާ ވިޔަފާރިތައް ދެނެގަނެ، އެ ތަންތަން ބަލައިފާސްކުރުމަށް ސަރުކާރުން ހިންގާ އޮޕަރޭޝަންގެ ތެރެއިން، މިއަދު މާލޭގެ ހަތް ތަނެއް ބަލައި ފާސްކޮށް، ގަވާއިދާ ޚިލާފަށް އުޅެމުންދިޔަ ދެ ބިދޭސީއަކު އަތުލައިގެންފި އެވެ.

އިމިގްރޭޝަނުން ބުނީ ގަވާއިދާ ޚިލާފަށް ބިދޭސީން ވިޔަފާރިކުރާ ތަންތަން ދެނެގަނެ، އެ ތަންތަން ބަލައިފާސްކުރުމަށް މިނިސްޓްރީ އޮފް އެކޮނޮމިކް ޑިވެލޮޕްމަންޓާއި ޓާސްކްފޯސް ގުޅިގެން ކުރިއަށްގެންދާ އޮޕަރޭޝަންގެ ތެރެއިން، މިއަދު މާލޭގައި ހިންގަމުންދިޔަ ހަތް ތަނެއް ބަލައި ފާސްކޮށް، ދެ ބިދޭސީއަކު އެ އިދާރާގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.

ރާއްޖޭގައި ގަވާއިދާ ހިލާފަށް ބިދޭސީން ހިންގާ ވިޔަފާރިތައް ރިޕޯޓުކުރަން މިދިޔަ ނޮވެމްބަރު މަހުގެ 27 ގައި ހުޅުވާލާފައިވާއިރު، 56 ވިޔަފާރިއެއް ވަނީ ބަންދުކޮށްފަ އެވެ.

އިކޮނޮމިކް މިނިސްޓްރީން ވަނީ ބިދޭސީން ގަވާއިދާ ހިލާފަށް ވިޔަފާރި ހިންގާކަމުގެ އެއްވެސް މައުލޫމާތެއް ލިބިއްޖެނަމަ، ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8 އިން ރޭގަނޑު 8 އާއި ދެމެދު މިނިސްޓްރީގެ ހޮޓްލައިން 3333199 އަށް ގުޅައިގެން ނުވަތަ މިނިސްޓްރީގެ ވެބްސައިޓް (https://trade.gov.mv/report-business-dv) މެދުވެރިކޮށް ކޮންމެ ވަގުތެއްގައި ވެސް ރިޕޯޓު ކުރެވޭނެ ގޮތް ހަމަޖެހިފައިވާ ކަމަށް ބުނެފަ އެވެ.