ގާނޫނު އަސާސީ އިސްލާހުކުރަނީ ރިޔާސީ އިންތިހާބަށް ނުފޫޒު ފޯރުވަން ކަމަށް ހުޅުމާލެ ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު، ޑރ. އަހުމަދު ޝަމްހީދު ވިދާޅުވެއްޖެ އެވެ.
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކޮށްލުމަށް ގާނޫނުއަސާސީއަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުމަށް ސަރުކާރުން ވަނީ މަޖިލީހަށް ބިލެއް ހުށަހަޅާފަ އެވެ. ދައުރުން ބޭރުގައި މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ މަޖިލީހުގެ ޖަލްސާގައި މި ބިލު މަޖިލީހަށް ހުށަހެޅުމަށާއި އިބްތިދާއީ ބަހުސް ފެށުމަށް ވަނީ އެޖެންޑާކޮށްފަ އެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝަމްހީދު ވިދާޅުވީ އަންނަ ރިޔާސީ އިންތިހާބަށް ނުފޫޒު ފޯރުވަން ގާނޫނުއަސާސީ އިސްލާހު ކުރުމަށް، މާދަމާ ކުއްލި ޖަލްސާއެއް ބާއްވާއިރު، ޖަލްސާގެ ނޯޓިސް ފޮނުވީ މިއަދު ހެނދުނު ކަމަށެވެ. އަދި މަޖިލިސް ޗުއްޓީއާއި ދިމާކޮށް އެމްޑީޕީ ގިނަ މެންބަރުން ރާއްޖެއިން ބޭރުގައި ތިބި ދަނޑިވަޅު ބަލައި ދައުރުން ބޭރު ޖަލްސާ ބާއްވަން ނިންމީ އިދިކޮޅުގެ އަޑުކަނޑުވާލަން ކަމަށްވެސް ޝަމްހީދު ވިދާޅުވި އެވެ.
"ރައްޔިތުންގެ މަޖިލީހަކީ ޕީއެންސީގެ ގޮތްޕެއް ނޫން. މި ސަރުކާރުން މިދަނީ މުޅި ޑިމޮކްރަސީގެ ނިޒާމު ފުނޑާލަމުން. މިހެން ކަންކުރާއިރު ހަނދާންކުރަން ޖެހޭ، ޤައުމުތަކުގެ ހުދުމުހުތާރު ވެރިންގެވެސް ނިމުން އަންނަކަން. އިއްޔެވެސް އެމަންޒަރު ފެނިގެން ހިނގައްޖެ،" ޝަމްހީދު ވިދާޅުވި އެވެ.
އަންނަ ރިޔާސީ އިންތިހާބަށް ނުފޫޒު ފޯރުވަން ގާނޫނުއަސާސީ އިސްލާހު ކުރުމަށް، މާދަމާ ކުއްލި ޖަލްސާއެއް އެބަ ބާއްވާ.
ހެނދުނު 9 ޖަހާއިރު އޮންނަ ޖަލްސާގެ ނޯޓިސް ފޮނުވީ މިއަދު ހެދުނު.
މަޖިލިސް ޗުއްޓީއާއި ދިމާކޮށް އެމްޑީޕީ ގިނަ މެންބަރުން ރާައްޖެއިން ބޭރުގައި ތިއްބެވި ދަނޑިވަޅުބަލައި…— Ahmed Shamheed (@Ashamhyd) January 4, 2026
ޕީއެންސީގެ ޕީޖީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ހުށަހެޅުއްވި އިސްލާހުގެ ބިލުގައި ބުނެފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމަށް މީހުން ހޮވުމަށް ބާއްވަންޖެހޭ އިންތިހާބު ބާއްވާނީ، ގާނޫނުއަސާސީގެ 110 ވަނަ މާއްދާގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަކު ހޮވުމަށް ބާއްވާ އިންތިހާބާއެކު ކަމަށެވެ.
މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ އުމުރަކީ ޑިސެމްބަރު މަހުގެ އެއްވަނަ ދުވަހުން ފެށިގެން ފަސް އަހަރު ދުވަސް ކަމަށާއި، އެ މުއްދަތު ހަމަވުމުން މަޖިލިސް އުވުނީ ކަމަށް ކަނޑަަޅަންވެސް ވަނީ ހުށަހަޅައިފައެވެ.
އެގޮތުން މިހާރު އޮތް ރައްޔިތުންގެ މަޖިލީހުގެ އުމުރު ހަމަވެގެން މަޖިލިސް އުވާލުމާއެކު، އަލަށް އިންތިހާބުކުރާ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ޖަލްސާ ބާއްވަން ވާނީ ޑިސެމްބަރު މަހުގެ އެއްވަނަ ދުވަހު ކަމަށް ކަނޑައަޅަންވެސް ވަނީ ހުށަހަޅައިފައެވެ.