ހަރަދު ކުޑަކުރުމުގެ ނަމުގައި ސަރުކާރުން އުޅެނީ ވޯޓުން ގައުމުގެ ކަންކަން ނިންމުމުގެ ބާރު ފޭރިގަންނަން ކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކޮށްލުމަށް ގާނޫނުއަސާސީއަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުމަށް ސަރުކާރުން ވަނީ މަޖިލީހަށް ބިލެއް ހުށަހަޅާފަ އެވެ. ދައުރުން ބޭރުގައި މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ މަޖިލީހުގެ ޖަލްސާގައި މި ބިލު މަޖިލީހަށް ހުށަހެޅުމަށާއި އިބްތިދާއީ ބަހުސް ފެށުމަށް ވަނީ އެޖެންޑާކޮށްފަ އެވެ.
މިކަމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފައްޔާޒު ވިދާޅުވީ ދެ އިންތިހާބު އެއްކޮށްލުމުން ލިބޭ ފައިދާ އާއި ގެއްލުންތަކެއް އެބަހުރި ކަމަށާއި އެހެން ނަމަވެސް ހަރަދު ކުޑަކުރުމުގެ ނަމުގައި ސަރުކާރުން ކުރަން މި އުޅޭ ކަމަކީ ރައްޔިތުންގެ އަތުގައި އޮތް ވޯޓުން ގައުމުގެ ކަންކަން ނިންމުމުގެ ބާރު ފޭރިގަތުން ކަމަށެވެ. އަދި ހަރަދު ކުޑަކުރަން މި މަތިބަރު ސަރުކާރުން އުޅޭ ތަނެއް ފެނުނު އެކަކުވެސް ނެތް ކަމަށާއި ވޯޓާ ގުޅުންހުރި ކަންކަމުގައި "ހަރަދު ކުޑަކުރަން" ކުރަން މި އުޅޭ ކަންކަމާމެދު އެންމެހާ ދިވެހިން ވިސްނާލުން ބުއްދިވެރި ކަމަށް ފައްޔާޒު ވިދާޅުވި އެވެ.
މަޖިލިސް އިންތިހާބަކީ ސަރުކާރަށް ފާރަވެރިވެ ގާނޫނު ހަދާ އެންމެ މަތީ ބާރަށް މަންދޫބުން ހޮވާ އިންތިހާބު ކަމަށާއި ރައްޔިތުންގެ ބާރުވެރިކަން މަޖިލީހުގައި ބާއްވައި ކޮލިޓީ މެންބަރުން އިންތިހާބުކުރަން އާބާދީ ބޮޑުކޮށް އަތޮޅުތަކަށް މެންބަރުން ހޮވަންވީ، 5،000 އާބާދީއަކަށް ދާއިރާއެއް އޮންނަ އުސޫލު އުވާލުން ރަނގަޅު ކަމަށްވެސް ފައްޔާޒު ވިދާޅުވި އެވެ.
"ޗެކްސް އެންޑް ބެލެންސް ނިޒާމު ވަރުގަދަކޮށް ރައްޔިތުންނަށް ވެރިކަމެއް ކޮށްދޭނެ ހެޔޮ ނިޔަތެއް އޮތްނަމަ މަޖިލިސް އިންތިހާބު ސްޓެގަރކޮށް، ދެ ބަޔަކަށް ބަހާލައި، ރިޔާސީ އިންތިހާބާއެކު ޖުމުލަ މެންބަރުންގެ ދެބައިކުޅަ އެއްބައި އަދި ރިޔާސީ ދައުރުގެ މެދުން މަޖިލީހުގެ އަނެއް ބައި މެންބަރުން އިންތިހާބު ބޭއްވުން ރަނގަޅު ކަމަށް ފެނޭ. އެއީ ސަރުކާރުގެ ޕާފޯމަންސަށް ބަލައި ގޮތް ނިންމުމަށް ރައްޔިތުންނަށް ދެވޭނެ ފުރުސަތެއް،" ފައްޔާޒު ވިދާޅުވި އެވެ.
ފައްޔާޒު ވަނީ ހަރަދު ކުޑަކުރަން އިންތިހާބުތައް އެއްކުރަން ޖެހޭ އެއްވެސް ސަބަބެއް ނެތްްކަން ސާފު ކަމަށާއި ހެޔޮ ނިޔަތުގައި ހަރަދު ކުޑަކުރާނަމަ ރިޔާސީ އިންތިހާބައި ކައުންސިލް އިންތިހާބު އެއްކުރަން ޖެހޭ ކަމަށެވެ. އެގޮތުން އެ ދެ އިންތިހާބަކީ ރައްޔިތުންނަށް ވެރިކަމެއް ކޮށްދިނުމަށް ގައުމާއި ރަށު ލެވެލްގައި ނެގޭ ވޯޓެއްކަން ފާހަގަކުރެއްވި އެވެ.
މަޖިލިސް ޗުއްޓީގައި ކުއްލިއަކަށް މެންބަރުން އެއްކޮށް، ދައުރުން ބޭރުން ގާނޫނުއަސާސީއަށް ބަދަލު ގެންނަން އުޅުމާ މެދު ފުންކޮށް ވިސްނައި ފިކުރުކުރަން ޖެހޭ ކަމަށާއި ރައްޔިތުންގެ ބާރުވެރިކަމަށް ސީދާ ގޮތުން އަސަރުކުރާނެ މިފަދަ ކަންކަމާ މެދު ފުޅާ ދާއިރާއެއްގައި ބަހުސްކޮށް މަޝްވަރާކުރުމުގެ ފުރުސަތު ދޭންވާނެ ކަމަށްވެސް ފައްޔާޒު ވިދާޅުވި އެވެ.