ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކޮށްލުމުން ފެންނަނީ ބޮޑެތި ގޯސްތަކެއް ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކޮށްލުމަށް ގާނޫނުއަސާސީއަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުމަށް ސަރުކާރުން ވަނީ މަޖިލީހަށް ބިލެއް ހުށަހަޅާފަ އެވެ. ދައުރުން ބޭރުގައި މިއަދު ބޭއްވުމަށް ހަމަޖެހިފައިވާ މަޖިލީހުގެ ޖަލްސާގައި މި ބިލު މަޖިލީހަށް ހުށަހެޅުމަށާއި އިބްތިދާއީ ބަހުސް ފެށުމަށް ވަނީ އެޖެންޑާކޮށްފަ އެވެ.
ޕީއެންއެފްގެ ފްރޮންޓް އޮފީހުގެ ޖަލްސާގައި ރޭ ވާހަކަދައްކަމުން ޔާމީން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އާއި ރައްޔިތުންގެ މަޖިލީހަކީ އެކަކު އަނެކެއްގެ މައްޗަށް ފާރަވެރިވާ ދެ ބާރު ކަމަށާއި ރައްޔިތުންގެ މަޖިލީހުގެ މައިގަނޑު މަސްއޫލިއްޔަތަކީ ސަރުކާރު ޖަވާބުދާރީކުރުވުން ކަމަށެވެ.
ރައީސް ހޮވުމަށް ފަހު، ތިން ހަތަރު މަސް ފަހުން މަޖިލިސް އިންތިޚާބު ބާއްވާއިރު، ރައީސްގެ މަސައްކަތްތަައް ވަޒަންކޮށްލަން ރައްޔިތުންނަށް ވެސް ފުރުސަތު ލިބޭ ކަމަށާއި ނަމަވެސް ނަމަވެސް މި ދެ އިންތިހާބު އެއްކޮށްލުމުން ރައީސް ކަންތައް ކުރާ ގޮތެއް ބަލައި، ފާރަވެރިވާނެ މަޖިލީހެއް އިންތިހާބު ނުކުރެވޭނެ ކަމަށް ޔާމީން ވިދާޅުވި އެވެ.
"އެހެންވީމަ އަޅުގަނޑަކަށް ނުވިސްނޭ މީގައި ހިކުމަތެއް،" ޔާމީން ވިދާޅުވި އެވެ.
ޔާމީން ވިދާޅުވީ، ދެ އިންތިޚާބު އެއްކުރަނީ ޚަރަދު ކުޑަކުރަން ކަމަށް ސަރުކާރުން ބުނި ނަމަވެސް، އެ ބަދަލާއެކު ރައްޔިތުންގެ މާ ބޮޑު މަސްލަހަތެއް ގެއްލޭ ކަމަށެވެ.
"އެހެންވީމަ ރައްޔިތުންގެ މަޖިލިސް އިންތިޚާބާއި ރައިސޫލްޖުމްހރިއްޔާ އިންތިޚާބާ އެއްކޮށްލުމުގައި އަޅުގަނޑަށް ހަމަ ބޮޑެތި ގޯސްތައް ފެނޭ،" ޔާމީން ވިދާޅުވި އެވެ.