އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ޗެލްސީ އާއި މެންޗެސްޓާ ސިޓީ ބައްދަލުކުރި މެޗު 1-1 އިން އެއްވަރުވެގެން ނިމިއްޖެ އެވެ.
މި ނަތީޖާއާއެކު ސިޓީ އޮތީ 20 މެޗުން ލިބުނު 42 ޕޮއިންޓާ އެކު ލީގުގެ ދެވަނައިގަ އެވެ. ތިންވަނައިގައި އޮތް އެސްޓަންވިލާ އަށް ވެސް 20 މެޗުން 42 ޕޮއިންޓު ލިބިފައިވާއިރު، ސިޓީއަށް ކުރި ލިބެނީ ގޯލުގެ ތަފާތުންނެވެ. ހަތަރުވަނައިގައި 20 މެޗުން 34 ޕޮއިންޓާ އެކު ލިވަޕޫލް އޮތްއިރު، ފަސްވަނައިގައި 20 މެޗުން ލިބުނު 31 ޕޮއިންޓާ އެކު އޮތީ ޗެލްސީ އެވެ. ލީގުގެ އެއްވަނައިގައި 20 މެޗުން 48 ޕޮއިންޓާއެކު އޮތީ އާސެނަލް އެވެ.
އަމިއްލަ ދަނޑުގައި ކުޅުނު މެޗުގެ 42 ވަނަ މިނެޓްގައި ޓިއާނީ ރެއިންޑާސް ވަނީ ސިޓީއަށް ލީޑު ނަގައިދީފަ އެވެ. މިއީ ޗެލްސީގެ އޭރިއާ ތެރެއަށް ވަދެ ފޮނުވާލި ހަމަލާއަކުން ރެއިންޑާސް ކާމިޔާބުކުރި ގޯލެކެވެ. ދެވަނަ ހާފްގެ ކުރީކޮޅު ނަތީޖާ އެއްވަރުކޮށްލަން ޗެލްސީގެ ޕެޑްރޯ ނެޓޯއަށް ހުސް ފުރުސަތެއް ލިބުނު ނަމަވެސް އޭނާ ފޮނުވާލި ހަމަލާ ދިޔައީ ގޯލުގެ ދަނޑި މަތިން ބޭރަށެވެ.
މި މެޗުން ޗެލްސީއަށް ޕޮއިންޓެއް ލިބުނީ މެޗުގެ އެންމެ ފަހު ވަގުތުކޮޅުތެރޭ އެންޒޯ ފެނާންޑޭޒް ކާމިޔާބުކުރި ގޯލުންނެވެ. މިއީ ސިޓީގެ އޭރިއާ ތެރެއަށް ގުސްޓޯ ހުރަސްކޮށްލި ބޯޅައަކުން އެންޒޯ ކާމިޔާބުކުރި ގޯލެކެވެ.
ޕްރިމިއާ ލީގުގައި ރޭ ލިވަޕޫލް އާއި ފުލަމް ބައްދަލުކުރި މެޗު 2-2 އިން ވަނީ އެއްވަރުވެފަ އެވެ. އަދި މެންޗެސްޓާ ޔުނައިޓެޑާއި ލީޑްސް ޔުނައިޓެޑް ބައްދަލުކުރި މެޗު 1-1 އިން އެއްވަރުވިއިރު، ސަންޑަލޭންޑް އާއި ޓޮޓެންހަމްގެ މެޗުވެސް ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ.