Last Updated: July 9, 18:19
Thursday, July 9, 2026
ޚަބަރު

ރާއްޖޭގެ ތަރައްޤީގައި އަންހެނުންގެ ހިއްސާ ބޮޑު

ރާއްޖޭގެ ތަރައްޤީގައި އަންހެނުންގެ ހިއްސާ ބޮޑު ކަމަށް ލޯކަލް ގަވަމެންޓް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެ އެވެ.

ވޮލީ ބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން އަންހެން ޑިވިޝަނަށް ޚާއްޞަކޮށްގެން ސޯޝަލް ސެންޓަރުގެ އިންޑޯ ހޯލްގައި ފެށި 'ރާއްޖެ ސުޕަރ ލީގް 2026' ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަދައްކަމުން އާދަމް ޝަރީފް ވިދާޅުވީ އަންހެން ބޭފުޅުންނަށް ޚާއްޞަކޮށްގެން ކުރިއަށްގެންދާ މި މުބާރާތުގައި އަތޮޅުތަކުން 8 ޓީމެއް ބައިވެރިވުމަކީ އުއްމީދު އާވުމުގެ އިތުރުން ލިބޭ ބޮޑު ހިތްވަރެއް ކަމަށާއި އެކަމުން ވެސް ހާމަވެގެން ދަނީ ރާއްޖޭގެ ތަރައްޤީގައި އަންހެނުންގެ ހިއްސާބޮޑުކަން ކަމަށެވެ.

"ރާއްޖޭގެ މުޖުތަމަޢުގައި ހުރި ތަފާތު މައްސަލަތައް ޙައްލުކުރުމުގައި އަންހެނުންގެ ހިއްސާ ނުހަނު ބޮޑު، ތަރުބަވީ ޖީލެއް ބިނާކުރުމުގައި ވެސް އަންހެނުންގެ ހިއްސާ އެހާ ބޮޑު" މިނިސްޓަރު ވިދާޅުވި އެވެ.

ރާއްޖެއަށް ރީތި ނަން ހޯދައިދިނުމަށް ކަނބަލުން ކުރައްވާ މަސައްކަތުގެ ސަބަބުން އެކަން ޙާޞިލްވެގެން ދާނެކަމުގެ އުންމީދު އިތުރަށް އައުވެއްޖެ ކަމަށާއި އަދި ވޮލީ ބޯޅަ އެސޯސިއޭޝަންގެ ވެރިން ބޭނުންވެލައްވާ ލަނޑުދަނޑި ޙާޞިލްވެގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ވެސް ވިދާޅުވި އެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ޒަޢާމަތުގައި ކުޅިވަރަށް މަގުފަހިކޮށްދިނުމާއި ކުޅިވަރުގެ ވަސީލަތްތައް ފުރިހަމަކޮށްދިނުމަށްޓަކައި ހަރުދަނާ ފިޔަވަޅުތަކެއް އަޅުއްވަމުން ގެންދަވާ ކަމަށްވެސް ވިދާޅުވި އެވެ.