Last Updated: July 9, 18:19
Thursday, July 9, 2026
ޚަބަރު

ސަނީގެ ހާޒިރުގައި ގެއެއްގައި ބަލައި ފާސްކޮށްފި

ސަނީ އުމަރު

ކުޑަކުދިންތަކަކަށް ޖިންސީ ގޯނާ ކުރިކަމުގެ ކުށުގެ ތުހުމަތުގައި ހައްޔަރު ޑރ. ސަނީ އުމަރުގެ ހާޒިރުގައި މާލޭގެ ގެއެއް މިއަދު ބަލައި ފާސްކޮށްފި އެވެ.

ފުލުހުން ބުނީ ސަނީ އުމަރުގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން، އޭނާގެ ހާޒިރުގައި މާލޭގެ ގެއެއް މިއަދު ބަލައި ފާސްކޮށްފައިވާ ކަމަށެވެ. އަދި ސަނީ އުމަރު އަދިވެސް ހުރީ ފުލުހުންގެ ބަންދުގައި ކަމަށް ފުލުހުން ބުންޏެވެ.

ސަނީ އުމަރު ޝަރީއަތް ނިމެންދެން ބަންދުކުރަން ކްރިމިނަލް ކޯޓުން މިދިޔަ ހުކުރު ދުވަހު ވަނީ އަމުރުކޮށްފަ އެވެ.

ސަނީ އުމަރުގެ މައްޗަށް ތުހުމަތުކުރެވޭ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން އޭނާ ހައްޔަރުކުރީ މިދިޔަ މަހުގެ ކުރީކޮޅު އެވެ.

ދަ ޓްރެވެލް ގައިސް ޕްރައިވެޓް ލިމިޓެޑްގައި އިސްކޮށް އުޅުނު ސަނީގެ މައްޗަށް ކުޑަކުދިންތަކަކާ ބެހުނު މައްސަލަ ފުލުހުން ބަލަން ފެށީ ސޯޝަލް މީޑިއާގައި އެ ވާހަކަ ދެކެވެން ފެށުމުން ފުލުހުންގެ ސަމާލުކަމަށް އައުމާ ގުޅިގެންނެވެ. އޭރު ފުލުހުން ބުނީ އެއްވެސް ފަރާތަކުން އެ މައްސަލަ ރަސްމީކޮށް ފުލުހުންނަށް ރިޕޯޓް ނުކުރާ ކަމަށެވެ.

ނަމަވެސް ސަނީ ބެހުނު ކަމަށް ބުނާ ކުދިންގެ އާއިލާގެ ފަރާތުން އެ މައްސަލަ ރަސްމީކޮށް ރިޕޯޓް ކުރުމުން ފުލުހުން އަންނަނީ އެކަން އިތުރަށް ތަހުގީގު ކުރަމުންނެވެ.