Last Updated: July 9, 18:19
Thursday, July 9, 2026
ޚަބަރު

ދެ އިންތިހާބު އެއްކޮށްލާ ބިލު މި މަހު 15ގެ ކުރިން ނިންމަނީ

ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކޮށްލާ ބިލުގެ މަސައްކަތް މި މަހުގެ 15 ގެ ކުރިން ނިންމުމަށް ފާސްކޮށްފި އެވެ.

ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކޮށްލުމަށް ގާނޫނުއަސާސީއަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުމަށް ސަރުކާރުން ވަނީ މަޖިލީހަށް ބިލެއް ހުށަހަޅާފަ އެވެ. ދައުރުން ބޭރުގައި މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައި މި ބިލު މަޖިލީހަށް ބަލައިގަނެ، އިތުރަށް ދިރާސާކުރަން ވަނީ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ފޮނުވާފަ އެވެ.

އެ ކޮމިޓީގެ ބައްދަލުވުމެއް މިއަދު ބާއްވައި، އެ ބިލުގެ މަސައްކަތް މި މަހުގެ 15 ވަނަ ދުވަހުގެ ކުރިން ނިންމަން ވަނީ ފާސްކޮށްފަ އެވެ. އަދި ބިލަށް އާންމުންގެ ހިޔާލު ހޯދަން ހުޅުވާލަން ނިންމީ ވެސް އެ ދުވަހުގެ ނިޔަލަށެވެ.

ސަރުކާރުގެ ފަރާތުން ގާނޫނުއަސާސީއަށް މި އިސްލާހުތައް ހުށަހެޅުއްވީ ޕީއެންސީގެ ޕީޖީ ލީޑަރު އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހް އެވެ.

މި އިސްލާހުގައި ބުނެފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމަށް މީހުން ހޮވުމަށް ބާއްވަންޖެހޭ އިންތިހާބު ބާއްވާނީ، ގާނޫނުއަސާސީގެ 110 ވަނަ މާއްދާގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަކު ހޮވުމަށް ބާއްވާ އިންތިހާބާއެކު ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ އުމުރަކީ ޑިސެމްބަރު މަހުގެ އެއްވަނަ ދުވަހުން ފެށިގެން ފަސް އަހަރު ދުވަސް ކަމަށާއި، އެ މުއްދަތު ހަމަވުމުން މަޖިލިސް އުވުނީ ކަމަށް ކަނޑަަޅަންވެސް ވަނީ ހުށަހަޅައިފައެވެ.

އެގޮތުން މިހާރު އޮތް ރައްޔިތުންގެ މަޖިލީހުގެ އުމުރު ހަމަވެގެން މަޖިލިސް އުވާލުމާއެކު، އަލަށް އިންތިހާބުކުރާ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ޖަލްސާ ބާއްވަން ވާނީ ޑިސެމްބަރު މަހުގެ އެއްވަނަ ދުވަހު ކަމަށް ކަނޑައަޅަންވެސް ވަނީ ހުށަހަޅައިފައެވެ.