Last Updated: July 9, 18:19
Thursday, July 9, 2026
ޚަބަރު

ބޭސް ނުލިބުމުގެ މައްސަލައަށް ބޮޑު ހައްލެއް ލިބިއްޖެ

ބޭސް ނުލިބުމުގެ މައްސަލައަށް ބޮޑުތަނުން ހައްލު ލިބިގެން ގޮސްފައިވާ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް ވިދާޅުވެއްޖެ އެވެ.

ބޭސްފިހާރަތަކުން ބޭސް ނުލިބޭ މައްސަލައާ ގުޅޭގޮތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ބޭސް ނުލިބުމުގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ގިނަ ފިޔަވަޅުތަކެއް އަޅަމުންދާ ކަމަށާއި، އޭގެ ސަބަބުން ބޮޑެތި ލުއިތަކެއް ލިބެމުންދާ ކަމަށެވެ. އެގޮތުން މިހާރު އެސްޓީއޯ އިން އެކަނިވެސް 800 އާއި 900 އާ ދެމެދުގެ އަދަދަކަށް ބޭސް އެތެރެކުރަމުންދާ ކަމަށް ނާޒިމް ވިދާޅުވި އެވެ.

"އަޅުގަނޑަށް ވަރަށް ސާބިތުކަމާ އެކު ދަންނަވަން ކެރޭނެ، ވަރަށް ބޮޑުތަނުން މައްސަލައަށް ހައްލު ލިބިފައިވާކަން. އެހެން ނަމަވެސް އަޅުގަނޑުމެން ބޭނުންވަނީ އެއްވެސް މީހަކު ޝަކުވާނުކޮށް އުޅެވޭނެ މިންވަރަށް 100 ޕަސެންޓަށް އެކަން ހައްލު ކުރަން،" މިނިސްޓަރު ވިދާޅުވިއެވެ.

ބޭސް އެތެރެކުރުމުގެ އިތުރުން، އުސޫލުތައް ހަރުދަނާކުރުމުގެ ގޮތުން މިދިޔަ އަހަރު މުޅިން އަލަށް 40 ޓްރީޓްމަންޓް ގައިޑްލައިން އެކުލަވާލާފައިވާ ކަމަށާއި މި ގައިޑްލައިންތަކުގެ ސަބަބުން ޑޮކްޓަރުންނާއި ބަލިމީހުންނަށް އެންމެ އެކަށޭނެ ބޭސްތައް ކަނޑައެޅުމުގައި ފަސޭހަވެގެންދާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.

ރާއްޖެއަށް ބޭސް އެތެރެކުރުމުގެ ނިޒާމު އިތުރަށް ހަރުދަނާކުރުމަށްޓަކައި، "ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި" ގެ ނަމުގައި މިދިޔަ އަހަރުގެ ސެޕްޓެމްބަރު 9 ގައި ސަރުކާރުން ވަނީ ހާއްސަ ކުންފުންޏެއްވެސް އުފައްދާފަ އެވެ.