Last Updated: July 9, 18:19
Thursday, July 9, 2026
ކުޅިވަރު

ޤައުމީ ޓީމުގެ ކޯޗުކަމަށް އުރުބާނީ ހަމަޖައްސައިފި

ރާއްޖޭގެ ގައުމީ ފުޓުބޯޅަ ޓީމުގެ ކޯޗުކަމުގެ މަގާމަށް ހަންގޭރީގެ އިސްޓަވާން އުރުބާނީ ހަމަޖައްސައިފި އެވެ.

އުރުބާނީ ޤައުމީ ޓީމުގެ ކޯޗުގެ މަގާމަށް ހަމަޖައްސަން ނިންމީ ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން މިއަދު ބޭއްވި އެ އެސޯސިއޭޝަންގެ އެގްޒެކެޓިވް ކޮމިޓީގެ ނުވަވަނަ ބައްދަލުވުމުގަ އެވެ.

ގައުމީ ޓީމުގެ ކޯޗުކަމުގެ އިތުރުން އެފްއޭއެމް އިން ވަނީ އުރުބާނީ އެ އިދާރާގެ ޓެކްނިކަލް ޑައިރެކްޓަރުގެ މަގާމަށް ވެސް ހަމަޖައްސާފަ އެވެ.

މިއީ އުރުބާނީ ރާއްޖޭގެ ކޯޗުކަމާ ހަވާލުވާ ތިންވަނަ ފަހަރެވެ.

ރާއްޖޭގެ ގައުމީ ޓީމުގެ ކޯޗުކަމާ އުރުބާނީ އެންމެފުރަތަމަ ހަވާލުވެފައި ވަނީ 2009 ވަނަ އަހަރުއެވެ. އެ އަހަރު ބަންގްލަދޭޝްގައި ބޭއްވި ސާފް ޗެމްޕިއަންޝިޕުގައި އުރުބާނީގެ އިރުޝާދުގެ ދަށުން ކުޅުނު ޤައުމީ ފުޓުބޯޅަ ޓީމުން ވަނީ މުބާރާތުގެ ރިހި މެޑަލް ހޯދާފަ އެވެ.

އެފަހުން 2012 ވަނަ އަހަރު، ސްރީލަންކާގައި އޮތް 23 އަހަރުންދަށުގެ އިންވިޓޭޝަނަލް މުބާރާތް ރާއްޖެއިން ކާމިޔާބުކުރީ ވެސް އުރުބާނީގެ އިރުޝާދުގެ ދަށުންނެވެ.