Last Updated: July 9, 19:09
Thursday, July 9, 2026
ޚަބަރު

ޕޯޓް ވިއްކާލަން އުޅޭ ކަމަށް ބުނެ ފަތުރަނީ ދޮގު ވާހަކަތަކެއް

މާލޭ ޕޯޓް ވިއްކާލަން އުޅޭ ކަމަށް ބުނެ ފަތުރަނީ ދޮގު ވާހަކަތަކެއް ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެ އެވެ.

މާލޭ ކޮމާޝަލް ބަނދަރު ބަދަލުކޮށް ތިލަފުށީގައި ގާއިމްކުރާ ޒަމާނީ ޕޯޓް "ދުބާއީ ޕޯޓްސް ވޯލްޑް" އަށް ވިއްކާލަން މި ސަރުކާރުން ނިންމާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން ވަނީ ވިދާޅުވެފަ އެވެ.

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)އިް ކުރިއަށް ގެންދާ ދިއްދޫ ބިން ހިއްކުމުގެ މަސައްކަތް ރަަސްމީކޮށް ފައްޓަވައިދެއްވައި ވާހަކަދައްކަވަމުން ޒަމީރު ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތް ފަހުން އިގްތިސޯދަށް އައި ބަދަލާއެކު، ދުނިޔޭގެ ވަރަށް ގިނަ ކުންފުނިތަކުން ރާއްޖޭގައި އިންވެސްޓުކުރަން ބޭނުންވެފައިވާ ކަމަށެވެ.

"ޕޯޓަށް ވެސް، އެއާޕޯޓުގައި ހުރި ކަންކަމަށް ވެސް އަދި ދެން ހުރި ކަންކަމަށް ވެސް އިންވެސްޓުކުރަން ބޭނުންވޭ. ކޮންމެ މީހެއް ޕްރޮޕޯސަލެއް ހުށަހެޅިޔަސް [ރައީސް] ބައްލަވާނެ. އޭގެ މާނައަކީ ރައްޔިތުންނަށް ދެރަވާނެ ގޮތަކަށް ރައީސް ކަމެއް ކުރެއްވީކީއެއް ނޫން. ބަޔަކު ޕްރޮޕޯސަލެއް ހުށަހެޅުމަކީ އަދި ރައީސް އެ ގަބޫލުކުރައްވާ އެކަމެއް ކުރީކީއެއް ނޫން،" ޒަމީރު ވިދާޅުވި އެވެ.

ޒަމީރު ވިދާޅުވީ ރައީސް މުއިއްޒަކީ ވަރަށް އިލްމީ ބޭފުޅެއް ކަމަށާއި ލިބޭ ކޮންމެ ޕްރޮޕޯސަލަކަށް، ވަޒީރުން ވިދާޅުވާ ވާހަކަތަކާއި ލަފާތަކަށް ވަރަށް ބޮޑަށް ބައްލަވާފައި ނޫނީ އެމަނިކުފާނު ނިންމުމެއް ނުނިންމަވާނެ ކަމަށެވެ.

އެގޮތުން މާލޭ ޕޯޓު ވިއްކާ ކަމަށް ބުނެ ދައްކަމުންދާ ވާހަކަތަކަކީ ހަގީގަތެއް ނެތް، ދޮގު ވާހަކަތަކެއް ކަމަށާއި މިހާތަނަށް ވެސް ރައީސް ނިންމުމެއް ނިންމަވާފައި އޮތީ ރައްޔިތުންނަށް އެންމެ ފައިދާވާ ގޮތަކަށް ކަންކަން ބައްލަވާފައި ކަމަށްވެސް ޒަމީރު ވިދާޅުވި އެވެ.