މިއާންޒް ކޮލެޖުގައި ކިޔަވައިދޭ ހުރިހާ މުވައްޒަފުންނަކީ ވެސް ސައްހަ ތައުލީމީ ސަނަދުތައް ތިބި ފަރާތްތަކެއް ކަމަށް އެ ކޮލެޖުން ބުނެފި އެވެ.
މިއާންޒް ކޮލެޖުން މިހެން ބުނީ އެ ކޮލެޖުގެ ބައެއް މުވައްޒަފުންގެ ތައުލީމީ ސަނަދުތަކާއި ބެހޭގޮތުން ސޯޝަލް މީޑިއާގައި ބައެއް ފަރާތްތަކުން ފަތުރަމުންދާ ހަގީގަތާއި ހިލާފު ވާހަކަތަކާއި ގުޅިގެން ނެރުނު ބަޔާނެއްގަ އެވެ.
އެ ބަޔާނުގައި ބުނީ އެ ކޮލެޖުގައި ކިޔަވައިދޭ އެންމެހައި މުވައްޒަފުންނަކީ އެކަށީގެންވާ ތައުލީމީ ސަނަދު ލިބިފައިވާ އަދި އެ ފަރާތްތަކުގެ ތައުލީމީ ސަނަދުތައް ރާއްޖޭގެ ކަމާބެހޭ ފަރާތްތަކުން ސައްހަކަން ކަށަވަރުކޮށްފައިވާ ފަރާތްތަކެއް ކަމަށެވެ.
އެހެންކަމުން ކޮލެޖުގެ އަގުވެއްޓޭގޮތަށް ދަރިވަރުންނާއި އާންމުންގެ މެދުގައި ނަފްރަތު އުފެދޭގޮތަށް ފަތުރަމުންދާ ހަގީގަތާއި ހިލާފު ވާހަކަތައް ކުށްވެރިކޮށް އެކަން ހުއްޓާލުމަށް މިއާންޒް އިން ވަނީ ބުނެފަ އެވެ.