Last Updated: July 9, 19:09
Thursday, July 9, 2026
ޚަބަރު

ޒަކާތު ކައުންސިލްގެ މެންބަރުކަމަށް ކުރިމަތިލާން ހުޅުވާލައިފި

ރައީސުލްޖުމްހޫރިއްޔާގެ އޮފީސް--

ޒަކާތު ކައުންސިލްގެ މެންބަރުކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި އެވެ.

ޒަކާތުގެ ޤާނޫނު ގެ 6 ވަނަ މާއްދާގެ (ށ) ގެ 8 ވަނަ ނަންބަރުގެ ދަށުން، ހުޅުވާލާފައި ވަނީ ސަރުކާރުގެ އިދާރާއެއްގައި މަސައްކަތްކުރާ ފަރާތެއް ކަމުގައިނުވާ ޒަކާތުގެ މާހިރުންގެ ތެރެއިން ދެ މެންބަރުން އެ ކައުންސިލަށް ޢައްޔަންކުރެއްވުމަށެވެ.

މެންބަރުކަމަށް ކުރިމަތިލާ ފަރާތްތަކުގެ ފޯމު ބަލައިގަތުމަށް ހަމަޖެހިފައި ވަނީ، މިއަދުން ފެށިގެން މި މަހުގެ 15 ވަނަ ދުވަހުގެ 12:00 ގެ ނިޔަލަށް، ރަސްމީ ބަންދު ދުވަސްތައް ފިޔަވައި، އެހެން ދުވަސްދުވަހުގެ ހެނދުނު 08:30 އިން 12:00 އަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންނެވެ.

ޒަކާތުގެ ގާނޫނުގެ ދަށުން ރާއްޖޭގެ ޒަކާތުގެ ނިޒާމު ހިންގައި ބެލެހެއްޓުމުގައި މިނިސްޓަރަށާއި ޒަކާތު ހައުސްއަށް ލަފާ ދިނުމަށާއި އެ ނިޒާމުގެ ހިންގުން ވިލަރެސް ކުރުމަށްޓަކައި ގާނޫނަށް އަމަލުކުރަން ފަށާތާ 60 ދުވަހުގެ ތެރޭގައި "ޒަކާތު ކައުންސިލް" ގެ ނަމުގައި ކައުންސިލެއް ރައީސުލްޖުމްހޫރިއްޔާ އެކުލަވާލަން ޖެހެ އެވެ.

ގާނޫނުގައިވާ ގޮތުން ޒަކާތު ކައުންސިލް އެކުލެވެނީ 9 މެންބަރުންގެ މައްޗަށެވެ.