ވެނެޒުއެލާގެ ރައީސަކީ އަދިވެސް އޭނާ ކަމަށް، އެމެރިކާއިން ހައްޔަރުކޮށްފައިވާ އެގައުމުގެ ރައީސް ނިކޮލަސް މަޑޫރޯ ވިދާޅުވެއްޖެ އެވެ.
އެމެރިކާ އިން މިދިޔަ ހޮނިހިރު ދުވަހު ވަނީ ވެނެޒުއޭލާއަށް ވަރުގަދަ ހަމަލާތަކެއް ދިނުމަށްފަހު ވަނީ މަޑޫރޯ އާއި އޭނާގެ އަނބިކަނބަލުން ހައްޔަރުކޮށްގެން ގޮސްފަ އެވެ. އަދި މަޑޫރޯ އާއި އޭނާގެ އަނބިކަނބަލުންނަށް ގިނަ ދައުވާތަކެއް ވެސް ވަނީ އުފުލާފަ އެވެ.
މި ދައުވާތަކުގެ ތެރޭގައި ހިމެނެނީ، މަސްތުވާތަކެތީގެ ވިޔަފާރިއާ ގުޅުންހުރި ޓެރަރިޒަމްގެ އަމަލުތައް ހިންގަން ރޭވުމާއި، ކޮކެއިން އެތެރެކުރުމަށް ރޭވުމާއި، މެޝިން ބަޑި އާއި ބޮންފަދަ ނުރައްކާތެރި އާލާތްތައް ގެންގުޅުމުގެ އިތުރުން، އެމެރިކާއާ ދެކޮޅަށް މިފަދަ ހަތިޔާރާއި އާލާތްތައް ގެންގުޅުމަށް ރޭވުމުގެ ކުށުގެ ދައުވާ އެވެ.
މި ދައުވާތަކާއި ގުޅިގެން އިއްޔެ އެމެރިކާގެ ކޯޓަކަށް ހާޒިރުކުރުމުން މަޑޫރޯ ވިދާޅުވީ ވެނެޒުއެލާގެ ރައީސަކީ އަދިވެސް އޭނާ ކަމަށާއި ދައުވާތަކަށް އިންކާރު ކުރާ ކަމަށެވެ. އަދި އޭނާ ކުށެއް ނުކުރާ ކަމަށާއި އެމެރިކާއިން އޭނާ ވަގަށް ނެގީ ކަމަށްވެސް މަޑޫރޯ ވަނީ ކޯޓުގައި ވިދާޅުވެފަ އެވެ.
"އަހަންނަކީ ވަގަށް ނަގާފައިވާ ރައީސެއް. އަހަންނަކީ ހަނގުރާމައިގެ އަސީރެއް،" މަޑޫރޯ ވިދާޅުވި އެވެ.
މަޑޫރޯ މިހެން ވިދާޅުވެފައިވާއިރު، ވެނެޒުއެލާ ދެން ހިންގާނީ އެމެރިކާއިން ކަމަށް އެގައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދާދިފަހުން ވަނީ ވިދާޅުވެފަ އެވެ. އެކަމާ ގުޅޭ މާބޮޑު ތަފްސީލެއް ނުދީ ޓްރަމްޕް ވަނީ ވެނެޒުއެލާ ރަނގަޅަށް ހިނގާނެކަން އެމެރިކާއިން ކަށަވަރުކުރާނެ ކަމަށް ވިދާޅުވެފަ އެވެ.
އެމެރިކާއިން ވެނެޒުއެލާއަށް ދިން ހަމަލާތައް މައިގަނޑު ގޮތެއްގައި އަމާޒުކުރީ އަސްކަރީ ތަންތަނަށެވެ. މި ހަމަލާތަކާ ގުޅިގެން ވެނެޒުއޭލާގައި ވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފަ އެވެ.