Last Updated: July 9, 19:09
Thursday, July 9, 2026
ޚަބަރު

ސަރުކާރުން އުޅެނީ ވެރިކަން ދިފާއުކުރަން، ހަރަދު ކުޑަކުރާކަށް ނޫން

ފައިސަލް ނަސީމް- ފޮޓޯ: ރައީސް އޮފީސް

ސަރުކާރުން ގާނޫނު އަސާސީއަށް ގެންނަމުންދާ ބަދަލުތަކަކީ ވެރިކަން ދިފާއުކުރުމުގެ ބޭނުމުގައި ގެންނަމުންދާ ބަދަލުތަކެއް ކަމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.

ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކޮށްލުމަށް ގާނޫނުއަސާސީއަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުމަށް ސަރުކާރުން ވަނީ މަޖިލީހަށް ބިލެއް ހުށަހަޅާފަ އެވެ. ދައުރުން ބޭރުގައި އިއްޔެ ބޭއްވި މަޖިލީހުގެ ޖަލްސާގައި މި ބިލު މަޖިލީހަށް ބަލައިގަނެ، އިތުރަށް ދިރާސާކުރަން ވަނީ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ފޮނުވާފަ އެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފައިސަލް ވިދާޅުވީ ޚަރަދު ކުޑަ ކުރުމުގެ ނަމުގައި ދެ ވޯޓު އެއްކޮށްލަން ސަރުކާރުން ހުށަހަޅާފައިވާ ބަދަލަކީ، އެހެން މަޤުސަދެއް އޭގައި ހިމެނޭ ކަމެއް ކަމަށާއި ރައްޔިތުންގެ މަޖިލީހަކީ ސަރުކާރަށް ފާރަވެރިވެ، ޖަވާބުދާރީ ކުރުވުމަށް އޮންނަ ބާރެއް ކަމަށްވާއިރު، ޒިންމާދާރު މަޖިލީހެއް އޮތުމުން، އޭގެ ފައިދާ ކުރާނީ ސީދާ ރައްޔިތުުންނަށް ކަމަށެވެ.

ވޭތުވެ ދިޔަ ދޮޅު އަހަރުގެ ތެރޭގައި ޤާނޫނު އަސާސީ އާއި، ޤާނޫނުތަކަށް ގެންނަމުންދާ ބަދަލު ތަކަކީ، ހުރިހާ ބާރުތަކެއް ވެރިކަން ކުރާ ފަރާތުގެ މުށު ތެރެޔަށް ގެނައުމަށް ކުރާ މަސައްކަތެއް ކަމަށާއި މިގޮތަށް މިކަން ކުރުމުން މިނިވަން މުއައްސަސާ ތަކުގެ މުސްތަޤިއްލުކަން ގެއްލި، ސީދާ ސަރުކާރުގެ ނުފޫޒު މުއައްސަސާ ތަކުގެ މައްޗަށް ގަދަވެގެންދާއިރު، މިކަހަލަ ބަދަލުތަކުން ރައްޔިތުންނަށް ވާނެ މޮޅެއް އޮންނާނެ ކަމަކަށް ނުފެންނަ ކަމަށް ފައިސަލް ވިދާޅުވި އެވެ.

"ހަމައެކަނި ވެރިކަން ދިފާއުކޮށް، ބޭނުންވާ ބަޔަކަށް ފައިދާ ހޯދައި ދިނުން މިކަމުން ހާސިލު ވަނީ. ސަރުކާރުގެ އަމަލުތައް ބައްޓަން ކުރަން ވާނީ މުޅި ޤައުމާއި، ރައްޔިތުންގެ މަސްލަޙަތަށް އިސްކަން ދެވޭ ގޮތަށް،" ފައިސަލް ވިދާޅުވި އެވެ.

ފައިސަލް ވިދާޅުވީ ދައުލަތުގެ ޚަރަދު ކުޑަ ކުރަން ބޭނުންވާ ނަމަ، އެންމެ ފުރަތަމަ ބޭކާރު ގޮތުގައި ކުރެވޭ ކަންކަން ހުއްޓާލަން ޖެހޭ ކަމަށާއި ސީދާ އެކަމުން ޤައުމަށް ފައިދާ ނުވާ ކަންކަން ހުއްޓާލަން ޖެހޭ ކަމަށެވެ. އެގޮތުން ޚާއްސަކޮށް ކުރާނެ މަސައްކަތެއް ނެތި، ސިޔާސީ މަޤާމު ތަކަށް އެއްވެސް އިމެއް އަދި މިނެއް ނެތި މީހުން ގިނަ ކުރުމުން، ޚަރަދު ކުޑަ ކުރުމުގެ ވިސްނުން ސަރުކާރުގައި ހުރީ ކިހާ ވަރަކަށްކަން އެނގޭ ކަމަށް ފައިސަލް ވިދާޅުވި އެވެ.

ޤާނޫނު އަސާސީ އާއި ޤާނޫނު ތަކަށް ވަކި ބަދަލު ތަކެއް ގެނެސްގެން، އިންތިޚާބު ކާމިޔާބު ކުރަން މަގު ފަހި ކުރުމަކީ އޭގައި ވަރަށް ގޯސް ކަންތައް ތަކެއް ހިނގާނެ ކަމެއް ކަމަށާއި ވެރިކަން ލިބޭ ކޮންމެ ބަޔަކު، ވެރި ކަމުގައި ތާ އަބަދު ތިބުމަށްޓަކައި މަސައްކަތް ފަށައިފި ނަމަ، އޭގެ ނުރަނގަޅު އަސަރު ރައްޔިތުންނަށްކޮށް، ޤައުމުގެ ހަމަޖެހުން ގެއްލި އަދި އިޤްތިޞާދަށް ލޮޅުން އަރާނެކަން މިހާރު އިހުސާސް ކުރެވޭ ކަމަށް ފައިސަލް ވިދާޅުވި އެވެ.

"މިއީ ޤައުމަށް އުފާވެރިކަން ހޯދައި ދިނުމެއް ނޫން. މިއީ ޤައުމާއި ރައްޔިތުން ފުން ވަޅު ގަނޑަކަށް، އަމިއްލަ ދަހިވެތި ކަމުގައި ވައްޓާލުން،" ފައިސަލް ވިދާޅުވި އެވެ.

ފައިސަލް ވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހުން ޤައުމާއި ރައްޔިތުންގެ މަސްލަހަތު އިސް ކުރެއްވުމަށް އަދި ގެންނަން ފެނިވަޑައިގަންނަވާ ބައެއް ބަދަލުތައް ހިއްސާކުރައްވާފަ އެވެ.

މިގޮތުން:

• ރައްޔިތުންގެ މަޖިލީހުގެ މުސްތަޤިއްލުކަން ވަކި ބާރެއްގެ ގޮތުގައި އޮންނަ އޮތުން އެގޮތަށް ބޭއްވުން. މަޖިލީހަށް ގެންނަ ބަދަލަކީ މަޖިލީހުގެ އަދަދު މަދުކޮށް، އަދި މުޅި އަތޮޅުން ވޯޓު ލައިގެން ހޮވާ ބަޔަކަށް ހެދުން.

•މިނިވަން މުއައްސަސާ ތަކަށް މީހުން އައްޔަން ކުރުމުގެ ދައުރަކީ މަޖިލީހުން މިނިވަންކަމާ އެކު ކުރާ ކަމެއްގެ ގޮތުގައި ބޭއްވުން.

•ފުރިހަމަ މިނިވަން ޖުޑިޝަރީ އަކަށް މަގު ފަހި ކުރުމަށްޓަކައި، ސިޔާސީ މީހުން ޖޭއެސްސީގައި ހިމަނާ ހިމެނުން ދޫކޮށް، ފަނޑިޔާރުންނަށް ފުރިހަމަ މިނިވަަންކަމާ އެކު މަސައްކަތް ކުރެވޭނެ މަގު ފަހި ކުރުން.

•ދައުލަތުގެ މަޤާމުތައް ދިނުން އިންސާފުވެރިކަމާ އެކު ތައުލީމާއި ތަޖުރިބާ އަށް އިސްކަން ދީގެން ކުރިއަށް ގެންދެވޭނެ ގޮތެއް އޮތުން. ވަކި އާއިލާ އަކަށް، ނުވަތަ ނިސްބަތްވާ ވަކި ފަރާތަކަށް ނުބެލުން.

•އެއް ސަރުކާރުން އަނެއް ސަރުކާރަށް ނަގުލުވާ ކަންކަން ސިޔާސީ ނުކޮށް، ރައްޔިތުންނަށް އިންސާފުވެރިކަމާ އެކު ފޯރުކޮށްދިނުން.

•އާންމުންގެ ހައްގު ތަކަށް އިޙުތިރާމްކޮށް، ދައުލަތުން އާންމު މީހާ ވެސް ބާކީ ނުކޮށް، އޭނާގެ ޙައްޤު އަދާ ކޮށްދިނުން.

•ދުވާލަކު ގޮތަކަށް ޤައުމީ ތަރައްޤީގެ މަޝްރޫއުތައް ބަދަލު ނުކޮށް، ދިގު ރާސްތާ އަކަށް އަމާޒު ކޮށްގެން މަޝްރޫއުތައް ރޭވުން.

•ދިވެހިންނަށް ވަޒީފާގެ ފުރުސަތުތައް އިތުުރު ކުރުން. ޚާއްސަކޮށް މިހާރު ބޭރު މީހުން އަދާ ކުރަމުންދާ ބޮޑެތި އާމްދަނީ ލިބޭ ފަދަ މަޤާމުތައް ދިވެހިންނަށް ލިބޭނެ ގޮތަށް އިންތިޒާމު ހަމަޖެއްސުން.

•ދިވެހިންގެ ފުދުންތެރިކަން އިތުރު ކުރުވުން. ބޭރުގެ ފަރާތް ތަކަށް އެއްކޮށް ބަދަލު ވެގެންދާ ވިޔަފާރިތައް ދިވެހިންގެ އަތް މައްޗަށް އަންނާނެ ގޮތަށް ސިޔާސަތު ބައްޓަން ކުރުން.

•ދިވެހި ރާއްޖޭގެ ސަރަހައްދީ ތަރައްޤީ އަށް އިސްކަން ދިނުން. ޚާއްސަކޮށް ޞިއްޙީ، ތައުލީމު އަދި ދިރިއުޅެވޭނެ ގޮތްތައް އަވަސް ފުރުސަތެއްގައި ފަހިވުން.

•ޤާނޫނު އަސާސީ އާއި ޤާނޫނު ތަކަށް ކުއްލި ބަދަލު ގެނައުން ހުއްޓާލައި، ޒިންމާދާރު ކަމާ އެކު މިފަދަ މަސައްކަތް ކުރުން. އަދި ޤާނޫނު އަސާސީ އަށް ބަދަލު ގެނައުމަކީ، އެހާ ފަސޭހަ އިން ކުރެވޭ ކަމެއްގެ ގޮތުގައި އޮތް އޮތުމާ މެދު ވިސްނައި، ޤައުމަށް މިއަށްވުރެ ރަނގަޅު ގޮތެއް ހޯދުން.